ޤައުމީ ޔުނިވަރސިޓީގެ އައްޑޫ ސިޓީ ހިތަދޫ ކޭމްޕަހުން ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފަންޑްރެއިޒިންގް ޙަރަކާތެއް ބާއްވައިފިއެވެ.
ހިތަދޫ ކޭމްޕަހުގެ ސްޓޫޑެންޓް ޔޫނިއަނުން އިންތިޒާމު ކޮށްގެން ބޭއްވި މި ހޙަރަކާތުގެ ތެރެއިން ފަންޑްރެއިޒްކުރުމުގެ ގޮތުން ކަޕްކޭކް ވިއްކިއެވެ. އަދި ބިޑް ކުރުމަށް ހުޅުވާލާ އައިސިންގް ކޭކެއްވެސް ވަނީ ބަހައްޓާފައެވެ. މި ޙަރަކާތް ފަށައިދިނީ އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ނުކުޅެންދުންތެރިކަން ހުންނަ ދަރިވަރުންނެވެ. އެ ދަރިވަރުން ވަނީ ބިޑް ކުރުމަށް ހުޅުވާލި އައިސިންގް ކޭކުގައި އައިސިންގް ޖެހުމުގެ އިތުރުން ހުދު ފޮތިގަނޑެއްގައި ހޭންޑް ޕްރިންޓް ވެސް ޖަހާފައެވެ. މީގެ އިތުރުން މި ޙަރަކާތުގެ ތެރެއިން ފަންޑު ފޮއްޓެއްްވެސް ވަނީ ބަހައްޓާފައެވެ.
މިހަރަކާތުގައި އެއްކުރި ފައިސާ ހަދިޔާކުރާނީ ޝަރަފުއްދީން ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް (ސެން) ކްލާހަށްކަމަށް ބުނެއެވެ.
ކޮންމެ އަހަރެއްގެ މާޗްމަހުގެ އެކާވީސްވަނަ ދުވަހަކީ ޑައުންސިންޑްރޯމް ހުންނަ ކުދިންނާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވައި އެފަދަ ކުދިންނަކީވެސް މުޖުތަމަޢުގައި މުހިންމު ބައެއްކަން ބުނެދިނުމުގެ ގޮތުން ބައިނަލްއަޤުވާމި ގޮތުން ފަހަގަކުރާ ދުވަހެކެވެ.