ޚަބަރު

"ރަނގަޅު މަގަށް ހުރަސްއަޅާ ނުބައި ވަސީލަތަކީ ދޮގު ޚަބަރު"


މުސްލިމުންގެ ސިއްރުތަކަށާއި، ޤައުމުގެ އަމްނާއި ހަމަޖެހުމަށް ލޮޅުން، ގެނެސްފާނެ ކަންތައްތައް ބޭޒާރުކޮށް ފެތުރުމަކީ އިސްލާމް ދީން ޙަރާމް ކުރައްވާފައިވާ ކަމެއްކަން ބަޔާންކޮށް އެކަމުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުތުބާ ޚާއްސަކޮށްފައިވަނީ ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަން މި މައުޟޫއަށެވެ. 

މުޖުތަމަޢު ފަސާދަކުރުމަށާއި، ރަނގަޅު މަގަށް ހުރަސް އެޅުމަށް ބޭނުންކުރާ އެންމެ ނުބައި ވަސީލަތަކީ ދޮގުވާހަކަތާއި ދޮގު ޚަބަރުތައް ފެތުރުންކަން ފާހަގަކުރައްވައި ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރުޚުތުބާގައި ވަނީ، ރަސޫލު ބޭކަލުންގެ ދުވަސްވަރު ދުޝްމަނުން އެބޭކަލުންނާއި ބެހޭގޮތުން ދޮގުވާހަކަތައް ހަދައި، އެބޭކަލުންގެ ރިސާލަތުތައް ދޮގުކުރިކަން ރަސޫލުންގެ ސީރަތުން ފެންނަން ހުރިކަން ފާހަގަކޮށްފައެވެ. އެދުވަސްވަރުން ފެށިގެން މިއަދާހަމައަށް އައިރު ދުނިޔެއަށް އައިސްފައިވާ ކުރިއެރުމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާވެ އާންމުވެފައިވާ މިންވަރަށް ބަލާއިރު  ދޮގު ޚަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން މިއަދު މާބޮޑުވެފައިވާކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. 

ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމާއި އޭގައި ހިމެނޭ ބިރުވެރިކަމުގެ ބޮޑުކަންމުން ދޮގުހެދުން، މާތްﷲ މަނާކުރައްވައި، ދޫރައްކާތެރިކުރުމަށް އެކަނލާނގެ އަންގަވާފައިވާކަމަށާއި، ނެތިމޮށުމާއި ޣީބަނުނުން ނަހީކުރައްވައި ޔޯލަ ވާހަކަތައް ދެއްކުން މަނާކުރައްވާފައިވާކަން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ މުޙަންމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅުތަކުގެ އަލީގައި ޚުތުބާގައި ވަނީ ހާމަކޮށްފައެވެ. 

ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައި ވަސައްލަމް ސުވަރުގެ ވަޑައިގަތުމުން އިސްލާމް ދީން ނެތިއްޖެކަމަށްބުނެ ކާފިރުންނާއި މުނާފިޤުން މުސްލިމުންނާ ދެކޮޅަށް ނަފްސާނީ ވަރުގަދަ ހަނގުރާމައެއް ފެށިކަމަށާއި، މި ނުބައި ވާހަކަތަކުން ސަލާމަތްވީ އަބޫބަކުރުގެފާނުގެ ދުރުވިސްނުންފުޅުގެ ސަބަބުންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. މީސްތަކުންގެ މެދުގައި ފިތުނަ އުފެދޭ ހުރިހާ ކަމަކުން ދުރުހެލިވެ، ދޮގު ވާހަކަ ފެތުރުމާއި ދުރުހެލިވުމަކީ، މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ މައްޗަށް ވާޖިބު ވެގެންވާކަމަށްވެސް ހުކުރު ޚުތުބާގައި އެންމެހާ ރައްޔިތުންނަށްވަނީ ހަނދާންކޮށްދީފައެވެ. 

ދޮގު ޚަބަރު ފަތުރާ މީހާއަކީ މުޖުތަމަޢުގައި ހިމެނޭ ވިހަ ގުނަވަނެއްކަމަށާއި، އެފަދަ މީހުންނަކީ ދޭތެރެޖެއްސުމާއި ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ ބައެއްކަން ފާހަގަކުރައްވައި  އެކުރެވެނީ މުޖުތަމަޢުގެ އަމްނަށް ނުރައްކާތެރި ބޮޑު ޖަރީމާއެއްކަމަށްވެސް ހުކުރު ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެންމެހާ ފަރާތްތަކުންވެސް މިކަމަށް ރައްކާތެރިވެ ދުރުހެލިވެތިބުމަށް ހުކުރު ޚުތުބާގައިވަނީ ގޮވާލާފައެވެ.