ވިޔަފާރި

އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ދެމެދު ސީދާ ދަތުރުތައް ފަށައިފި


އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ދެމެދު ފުރަތަމަ ފަހަރަށް ވައިގެ ސީދާ ދަތުރުތައް ފަށައިފިއެވެ.

އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ދެމެދު ޝެޑިއުލް ދަތުރުތައްކުރާތާ 80 ވަރަކަށް އަހަރު ވެފައިވާއިރު، މިއީ އިތުރު ޤައުމެއްގައި މަޑުނުކޮށް ދެޤައުމުގެ ދޭތެރޭގައި ވައިގެ ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.

ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ހޮނިހިރު ދުވަހު ބޭއްވި ފުރަތަމަ ފްލައިޓް އޮސްޓްރޭލިއާގެ ޕާތުން ފުރައިގެން އިނގިރޭސިވިލާތުގެ ލަންޑަންގެ ހީތުރޯ އެއަރޕޯޓަށް ޖެއްސީ 17 ގަޑިއިރުގެ ދަތުރަކަށްފަހުއެވެ. މިއީ ތެޔޮ އެޅުމަށާއި ޓްރާންސިޓްކުރުމަށް މަޑުކުރާ ފްލައިޓްތަކަށްވުރެ 3 ގަޑިއިރު އަވަސް ދަތުރުކެވެ.

ދެ ޤައުމުގެ ދެމެދުގައި ކުރާ 14498 ކިލޯ މީޓަރުގެ ދަތުރުގައި ބޭނުންކުރާނީ އޮސްޓްރޭލިއާގެ ކަންޓަސް އެއަރވޭސްގެ ބޮއިންގ 9-787 މަރުކާގެ ޑްރީމްލައިނަރ މަތިންދާބޯޓެކެވެ. މިއީ ޢާއްމުކޮށް ބޭނުންކުރާ ބޮއިންގ 747 ބޯޓުތަކަށް ވުރެ ތެލުގެ ޚަރަދު ދެ ގުނަ ކުޑަ ބޯޓެކެވެ. ފުރަތަމަ ފްލައިޓުގައި 200 ފަސިންޖަރުން ދަތުރުކުރިއިރު ދެޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމުން ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނޭކަމަށް އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

img:http://s2.psmnews.mv/images/660x400/15219779947245.jpg|1938 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފެށިއިރު ބޭނުންކުރި މަތިންދާބޯޓު / މިދަތުރަށް 10 ދުވަސް ހޭދަވޭ

1938 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފުރަތަމަ ފެށިއިރު، 37 ތަނެއްގައި މަޑުކުރެއެވެ. 10 ދުވަސް ދަތުރަށް ހޭދަވެއެވެ. އޭގެ ފަހުން 1947 ގައި ތަޢާރަފްކުރި "ކެންގަރޫ ރޫޓް" މަގުން ދަތުރުތައް ފެށުމުން މަޑުކުރަންޖެހޭ މަންޒިލްތައް 7 އަށް ދަށްވެ، ދަތުރުގެ ދިގުމިން 4 ދުވަހަށް ކުރުވިއެވެ. އަދި 1980ގެ އަހަރުތަކުގެ ތެރޭގައި ޖަމްބޯ ޖެޓުތައް ތަޢާރަފްކުރުމާއެކު ދެ ޤައުމުގެ ދެމެދުގައި ކުރާ ދަތުރުތަކުގައި ޓްރާންސިޓްކުރަނީ އިތުރު އެންމެ ޤައުމެއްގައެވެ. މިއަދު އިތުރު ޤައުމެއްގައި މަޑުނުކޮށް އިނގިރޭސިވިލާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން، ދެ ޤައުމުންވެސް ދަނީ އެކަން ފާހަގަކުރަމުންނެވެ.

އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތާއި ދެމެދު ސީދާ ދަތުރުތައް ފަށާފައިވާއިރު، މިއީ ޝެޑިއުލް ފްލައިޓްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ދިގު ރާސްތާއެއް ކަޑައްތު ކުރާނެ ފްލައިޓެވެ. މިފްލައިޓް 14498 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރާއިރު، ޤަތަރުގެ ދޯހާއިން ނިއުޒިލެންޑުގެ އޯކްލެންޑަށް ދަތުރުކުރާ ޤަތަރު އެއަރވޭސްގެ ފްލައިޓަކީ އެންމެ ދިގު ރާސްތާއެއް ކަޑައްތުކުރާ ޝެޑިއުލް ފްލައިޓެވެ. މިފްލައިޓް 14529 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރެއެވެ.

އެންމެ ދިގު ޝެޑިއުލް ދަތުރުގެ ރެކޯޑަކީ ސިންގަޕޫރުން އެމެރިކާގެ ނިއުޔޯކަށް ސިންގަޕޯރ އެއަރލައިންސް އިން ކުރި ޝެޑިއުލް ދަތުރުތަކެވެ. މިދަތުރުތަކުގައި 15300 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރެއެވެ. ނަމަވެސް 2013 ވަނަ އަހަރު މިދަތުރުތައް ވަނީ ހުއްޓާލާފައެވެ.