ޚަބަރު

އިސްލާމިކް މިނިސްޓަރު ސަޢުދީއަށް ވަޑައިގެންފި


މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ބައްލަވައިލެވުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒިޔާދު އިއްޔެ ސައުދީއާ ރައްބިއްޔާއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ސަޢުދީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޙައްޖު އެންޑް ޢުމްރާއާ ބައްދަލުކުރައްވައި ޙައްޖު އަޅުކަމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތްތަކާ ބެހެގޮތުން މިނިސްޓަރު ޑރ.ޒިޔާދު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއިން މިއަހަރު ޙައްޖަށް ދިއުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ލުއިފަސޭހަ ވާނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމާގުޅެގޮތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ. މި ދަތުރު ފުޅުގައި ހިމެނޭ ރަސްމީ ވާހަކަތައް ފެށުމަށް ހަމަޖެހިފައިވަނީ މިރެއެވެ.

އިއްޔެގެ ވަގުތެއްގައި މިނިސްޓަރަ ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންފައިވައިރު މިނިސްޓަރގެ އަރިހުގައި އިސްލާމިކް މިނިސްޓްރީގެ އެކްޒެކެޓިވް ކޯޑިނޭޓަރ އައްޝައިޚް ޢަލީ ޝަރީފްވެސް ބައިވެރެވަޑައިގަންނަވައެވެ. މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.

ރާއްޖެއިން ޙައްޖަށްދާ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރު ސަޢުދީ އަރަބިޔާއިން ވަނީ ރާއްޖޭގެ ޙައްޖާޖީންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ޖިއްދާގެ އެއަރޕޯޓުގައި ދިވެހީންނަށް ޚާއްޞަ އިމިގްރޭޝަން ކައުންޓަރެއް ޤާއިމްކޮށްފައެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ޙައްޖު ކޯޕަރޭޝަނާއެކު އިތުރު 4 ކުންފުންޏަކަށް ވަނީ ހުއްދަ ދީފައެވެ. އޭގެތެރޭގައި އަލްޙަރްމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ސިސިލްފަރު ޙައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއި، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.