ވިޔަފާރި

އެންމެ ފެންވަރު ރަނގަޅު އެއަރޕޯޓުތައް އޭޝިޔާގައި!


ދަތުރުފަތުރުކުރުމަކީ އަޅުގަނޑުމެންގެ ތެރެއިންގެ ގިނަ ބަޔަކު ވަރަށް ކުރާ ހިތްވާ ކަމެކެވެ. މީގެ ތެރެއިންވެސް އެއް ޤައުމުން އަނެއް ޤައުމަށް ކުރާ ދަތުރުތަކަކީ އެންމެ ފާހަގަކޮށްލެވޭ ދަތުރުތަކެވެ. މިދަތުރުތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭނީ ދަތުރުކުރާ ފްލައިޓްތަކާއި މަޑުކުރާ އެއަރޕޯޓްތަކެވެ.

ދަތުރުފަތުރުކުރުމުގެ ސިނާޢަތަށް އަންނަ ތަރައްޤީއާއެކު އެއަރޕޯޓްތަކަށްވެސް އަންނަނީ އެންމެ ޒަމާނީ ބަދަލުތައް އަންނަމުންނެވެ. އެއަރޕޯޓްތަކަށް އަންނަ ބަދަލުތަކާއި ކުރިއެރުންތައް ދިރާސާކޮށް، އެންމެ ފެންވަރު ރަނގަޅު އެއަރޕޯޓްތައް ކޮންމެ އަހަރަކުވެސް ހޮވައެވެ. މިގޮތުން ސްކައިޓްރެކްސް ވޯލްޑް އެއަރޕޯޓް އެވޯޑަކީ އެއަރޕޯޓްތަކަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. އޭވިއޭޝަން ދާއިރާގެ އޮސްކާ އެވޯޑެވެ.

ސްކައިޓްރެކްސް ވޯލްޑް އެއަރޕޯޓް އެވޯޑް 2018 އަށް ބަލާލާއިރު، މިއަހަރުވެސް މިލިސްޓުގެ 1 ވަނަ ލިބެނީ ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓަށެވެ. މިއީ މިލިސްޓުގެ އެއްވަނަ ޗަންގީ އެއަރޕޯޓަށް ވިދިވިދިގެން ލިބުނު 6 ވަނަ އަހަރެވެ. އަދި އެންމެ ރަނގަޅު އެއަރޕޯޓުގެ އެވޯޑް ލިބުނު 9 ވަނަ ފަހަރެވެ.

img:http://s2.psmnews.mv/images/660x400/15219907209538.jpg|ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓް / އެންމެ ރަނގަޅު އެއަރޕޯޓުގެ އެވޯޑް ވިދިވިދިގެން ހަ ވަނަ އަހަރު ވަނީ ހޯދާފައި

ޗަންގީ އެއަރޕޯޓަށް ބަލާލާއިރު، މިދިޔަ އަހަރު 100 ޤައުމަކުން 60 މިލިއަނަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ދީފައިވެއެވެ. ހަފްތާއަކު 5000 މީހުންނާއި އައިސް، ގޮސް ހަދާ މިއެއަރޕޯޓުން 200 އަށްވުރެ ގިނަ މަންޒިލްތަކަށް ފަސިންޖަރުން ދަތުރުކުރެއެވެ. އެންމެފަހުގެ ފިލްމުތައް ހިލޭ ބެލޭގޮތަށް ސައުވީސްގަޑިއިރު ހުޅުވާފައި ހުންނަ 2 ސިނަމާ މިއެއަރޕޯޓުގައި ހުރެއެވެ. ސުވިންޕޫލަކާއި ސަންފުލާވަރ ބަގީޗާޔާއެކު މިއީ ހަމަޤައިމުވެސް ފަސިންޖަރުންނަށް ހިތްހަމަޖެހުން ގެނުވާނެ އެއަރޕޯޓެކެވެ.

އެންމެ ރަނގަޅު އެއަރޕޯޓަކަށް ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓް ހޮވިފައިވާއިރު، މިލިސްޓުގެ ކުރީގައި އުޅެނީވެސް އޭޝިޔާގެ އެއަރޕޯޓުތައްކަން ފާހަގަކޮށްލެވެއެވެ.

ސްކައިޓްރެކްސް ވޯލްޑް އެއަރޕޯޓް އެވޯޑް 2018 ގައި އެންމެ ފެންވަރު ރަނގަޅު އެއަރޕޯޓުގެ ގޮތުގައި ފާހަގަކޮށްފައިވާ 10 އެއަރޕޯޓު

1 – ސިންގަޕޯރ ޗަންގީ އެއަރޕޯޓް ( ސިންގަޕޫރު )

2 – އިންޗަން އިންޓަނޭޝަނަލް އެއަރޕޯޓް ( ދެކުނު ކޮރެޔާ )

3 – ޓޯކިޔޯ އިންޓަނޭޝަނަލް އެއަރޕޯޓް ( ޖަޕާން )

4 - ހޮންގްކޮންގ އިންޓަނޭޝަނަލް އެއަރޕޯޓް ( ހޮންގްކޮންގް )

5 – ހަމަދު އިންޓަނޭޝަނަލް އެއަރޕޯޓް ( ޤަތަރު )

6 – މިއުނިޗް އެއަރޕޯޓް ( ޖަރުމަންވިލާތް )

7 – ޗުބޫ ސެންޓްރައެއަރ ނަގޯޔާ ( ޖަޕާނު )

8 – ލަންޑަން ހީތުރޯ އެއަރޕޯޓް ( އިނގިރޭސިވިލާތް )

9 – ޒިއުރިކް އެއަރޕޯޓް ( ސުވިޓްޒަލެންޑް )

10 – ފްރެންކްފާޓް އެއަރޕޯޓް ( ޖަރުމަންވިލާތް )

img:http://s2.psmnews.mv/images/660x400/15219907436427.jpg|ޓޯކިޔޯ އިންޓަނޭޝަނަލް އެއަރޕޯޓް

އެންމެ ފެންވަރު ރަނގަޅު އެއަރޕޯޓްތަކުގެ އިތުރުން ވަކި ވަކި ޚިދުމަތްތައް އެންމެ ރަނގަޅަށް ދޭ އެއަރޕޯޓްތައްވެސް ވަނީ ސްކައިޓްރެކްސް ވޯލްޑް އެއަރޕޯޓް އެވޯޑްގެ ތެރެއިން ހޮވާފައެވެ. މިގޮތުން އެންމެ ސާފު ތާހިރު އެއަރޕޯޓަކަށް ހޮވިފައިވަނީ ޓޯކިޔޯ އިންޓަނޭޝަނަލް އެއަރޕޯޓެވެ. މުވައްޒަފުން އެންމެ ރަނގަޅު އެއަރޕޯޓަކަށް ހޮވިފައިވަނީ ދެކުނު ކޮރެޔާގެ އިންޗަން އިންޓަނޭޝަނަލް އެއަރޕޯޓެވެ. ހޮންގކޮންގ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަނީ އެންމެ ރަނގަޅު ޓްރާންސިޓް އެއަރޕޯޓުގެ އެވޯޑާއި އެންމެ ރަނގަޅު ކާނާ ލިބޭ އެއަރޕޯޓުގެ އެވޯޑް ލިބިފައެވެ. އެންމެ ރަނގަޅު ރީޖަނަލް އެއަރޕޯޓުގެ އެވޯޑް ލިބުނީ ޖަޕާނުގެ ޗުބޫ ސެންޓްރައެއަރ ނަގޯޔާ އެއަރޕޯޓަށެވެ.

img:http://s3.psmnews.mv/images/660x400/15219907748018.jpg|ލަންޑަން ހީތުރޯ އެއަރޕޯޓް

1999 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ސްކައިޓްރެކްސް ވޯލްޑް އެއަރޕޯޓް އެވޯޑަކީ އެއަރޕޯޓްތައް ބޭނުންކުރާ އެތައް މިލިއަން މީހުންނާ ސުވާލުކޮށްގެން ދެވޭ އެވޯޑެކެވެ. މިއަހަރުގެ އެންމެ ރަނގަޅު އެއަރޕޯޓްގެ އެވޯޑްދިނުމަށްވެސް 13.73 ފަސިންޖަރުންނާ ސުވާލުކޮށްފައިވެއެވެ.