ކުޅިވަރު

ތަފާތަކީ ރާއްޖޭގެ ފޯވާޑްލައިން - ބޫޓާން ކޯޗު


މެޗުގައި އޭނާގެ ޓީމަށް ކުޅެވުނީ 65 ވަނަ މިނިޓާހަމައަށް ކަމަށާއި، މެޗުގެ ތަފާތަކަށް ފެނިގެންދިޔައީ ރާއްޖޭގެ ފޯވާޑްލައިންކަމަށް ބޫޓާންގެ ކޯޗު ޓްރެވާ މޯގަން ބުނެފިއެވެ.

ޔޫއޭއީގައި އަންނަ އަހަރު އޮންނަ އޭޝިޔަންކަޕަށް ކޮލިފައިވުމަށް ކުޅުނު ކޮލިފިކޭޝަންގެ ގުރޫޕް ސްޓޭޖު ފަހުމެޗުގައި ބޫޓާނާ ވާދަކޮށް 7-0 ލަނޑުން ރާއްޖެ މޮޅުވި މެޗަށްފަހު ބޫޓާންގެ އިނގިރޭސި ކޯޗު މޯގަން ބުނީ ފުރަތަމަ ހާފްގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ފާހަގަވިކަމަށާއި، މެޗުގެ ފަހު ވިހި މިނިޓްތެރޭގައި އޭނާގެ ކުޅުންތެރިންނަށް ރާއްޖޭގެ ފޯވާޑްލައިން ހުއްޓުވަން އުނދުގޫވެގެން ދިޔަކަމަށެވެ. އޭނާ ބުނީ ކޯޗެއްގެ ހައިސަޔަތުން އޭނާގެ ޓީމުގެ ފަރާތުން މެޗުގެ ފަހު ވިހި މިނިޓްތެރޭގައި ފެނިގެންދިޔަކުޅުމުގެ ސަބަބުން މިފަދަ ނަތީޖާއެއް ނުކުތުމުން މާޔޫސްވާކަމަށެވެ. މޯގަން ބުނީ މިކަހަލަ ހާލަތްތަކަކީ އޭނާއާ ކުޅުންތެރިންނަށްވެސް ލިބޭނެ ރަނގަޅު ފިލާވަޅެއްކަމަށާއި، މެޗުގައި ހެދޭގޯސްތައް ރަނގަޅު ކުރެވޭތޯ ކުރިއަށްހުރި މެޗުތަކުގައި މަސައްކަތް ކުރާނެކަމަށެވެ.

" ފުރަތަމަ ހާފްގައި ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރި. މެޗު އެނބުރިގެންދިޔައީ ފަހު ވިހި މިނިޓްގައި. ތަފާތަކަށް ފެނިގެންދިޔައީ ރާއްޖޭގެ ފޯވާޑްލައިނުގައި ތިބި ކުޅުންތެރިން." ބޫޓާން ކޯޗު ބުންޏެވެ.

މެޗުން ބަލިވުމުން ކޮލިފައިން ބުރު ބޫޓާން ނިންމާލީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ގުރޫޕް ފުލުގައި އޮވެއެވެ. ރާއްޖެ ވަނީ ބޫޓާންއާ ވާދަކުރި ދެމެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދާފައެވެ.

ބޫޓާން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ މަހުގެ އެއްވަނަ ދުވަހު މެލޭޝިޔާގައި، މެލޭޝިޔާގެ ގައުމީޓީމާ ވާދަކުރާ އެކުވެރިކަމުގެ މެޗުގައެވެ.