ސްޓްލްކޯއިން މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްގައި، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް، މެކޭނިކަލް އަދި މެކެޓްރޯނިކްސް އިންޖިނިއަރިންގގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލްކުރަން މަގުފަހިވެންދާނެއެވެ.
ސްޓެލްކޯއިން ބުނީ މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ 15 ފަރާތަކަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. އަދި މި ތަމްރީން ޕްރޮގްރާމް ފެށުމުގެ ކުރިން މި ފަރާތްތަކަށް އެކަށީގެންވާ މުއްދަތަކަށް ސްޓެލްކޯގައި ރަނގަޅު މުސާރައަކާއެކު އަމަލީ ތަމްރީނު ދެވޭނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯގެ ސީއީއޯ އަޙްމަދު ޒުހޫރު ވިދާޅުވީ މި ތަމްރީން ޕްރޮގްރާމްގެ ސަބަބުން މި ދާއިރާއިން ކުރިއަށްދިއުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށެވެ. މިގޮތުން ބޭރު ޤައުމުތަކުން ޑިޕްލޮމާއާއި ޑިގްރީ ފެންވަރަށް މި ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތުވެސް މި ޕްރޮގްރާމްގެ ސަބަބުން ފަހިވެގެންދާނެކަމަށް ޒުހޫރު ވިދާޅުވިއެވެ.
މި ޕްރޮގްރާމަށް ޝަރުތު ހަމަވާނީ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ޙާސިލްކޮށް ނުވަތަ އޭލެވެލް އިމްތިޙާނުން ހިސާބު ކެމިސްޓްރީ އަދި ފިޒިކްސް އިން 3 ސީ ފާސް ލިބިފައިވުމާއެކު އޯލެވެލް އިމްތިހާނުން އިނގިރޭސި މާއްދާއިން ދަށްވެގެން ސީ ފާހެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. މި ޕްރޮގްރާމުގައި ބައިވެެރިވުމަށް ހުށައެޅުމުގެ އެންމެ ފަހު ތަރީޚަކީ އަންނަމަހުގެ 10 ވަނަ ދުވަހެވެ.