ދީން

ޙައްޖުގެ އިންތިޒާމުތަކާ ބެހޭގޮތުން ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާ މަޝްވަރާކޮށްފި


މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންނަށް މިނާއާއި ޢަރަފާތުގައި ބޭނުންކުރުމަށް ފެންވަރު ރަނގަޅު ޓެންޓް ހޯދުމަށާއި މިނާގެ ޓެންޓްތަކުގައި ކޮންމެ ޙާޖީއަކަށް އެނދެއް ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމާބެހޭގޮތުން ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާދެމެދު މަޝްވަރާކޮށްފިއެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެކުނު އޭޝިއާގެ ޤައުމުތަކުގެ ޙައްޖާބެހޭ ކަންތައްތަށް ބަލަހައްޓާ މުއައްސަސާގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއަރމަން ޑރ.ރައުފަތު ޢިސްމާޢީލް އިބްރާހިމް ބަދުރާ ބައްދަލުކުރައްވައި މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންނަށް މުޠައްވިފުގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކަބެހޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އަދި މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންނަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށްޓަކައި ފެންވަރު ރަނގަޅު ބަސް ހޯދުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން މިނާއާއި ޢަރަފާތަށް ބޭނުންވާ ފެންވަރު ރަނގަޅު ޓެންޓް ހޯދުމަށާއި މިނާގެ ޓެންޓްތަކުގައި ކޮންމެ ޙާޖީއަކަށް އެނދެއް ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވޭތުވެދިޔައަހަރުތަކުގެ ނަތީޖާއަށްބަލައި މިއަހަރު ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުންމަޝްވަރާކޮށްފައިވާއިރު ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޙައްޖާބެހޭ ކަންތައްތައް ބަލަހައްޓާ މުއައްސަސާއިން ދިވެހި ޙައްޖާޖީންނަށް ރަނގަޅު މުޠައްވިފެއް އިޚްތިޔާރު ކުރުމުގައި އެހިތެރިކަން ފޯރުކޯށްދޭނެކަމަށް ވިދާޅުވިއެވެ.

މިއަދު ހެނދުނު މުޠައްވިފީ ޙައްޖާޖް ސައުތު އޭޝިއާ އޮފީހުގައި ބެއްވި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި، މިއަހަރު ރާއްޖެއިން ޙައްޖަށް މީހުންގެންދިޔުމަށް ހުއްދަ ދީފައިވާ ގުރޫޕްތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.