ޚަބަރު

ވަޤުފު އިމާރާތްތައް އެޅުމަށް އައިޑީބީން އެހީވަނީ


ރާއްޖޭގައި ވަޤުފު އިމާރާތައް ބިނާކުރުމުގައި ކުރިމަގުގައިވެސް އެހީތެރިކަން ދެމުންގެންދާނެކަމުގެ ޔަޤީންކަން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އައިޑީބީން ދީފިއެވެ.

މިއަހަރު ހައްޖުގެ އިންތިޒާމުތައް ހުރި ގޮތް ބައްލަވާލެއްވުމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު މިހާރު ސައދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގއި އެމަނިކުފާނުވަނީ އައިޑިބީގެ ރަޢީސް ޑރ.ބަންދަރު އެމް.އެޗް ހައްޖަރު އާއި ބައްދަލުކުރައްވާފައިވެއެވެ. ރާއްޖެއިން މި ވަގުތު އައިޑީބީއަށް ކަނޑައަޅުއްވާފައިވާ ގަވަރަނަރުގެ ހައިސިއްޔަތުން ބޭއްވި މި ބައްދަލުވުމުގައި ޑރ ޒިޔާދުވަނީ ރާއްޖޭގައި މިހާރު ހިގަމުންދާ މަޝްރޫއުތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އައިޑީބީގެ އިސްވެރިންނާއި ހިއްސާކުރައްވާފައެވެ.

އައިޑީބީގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި އައިޑީބީގެ ރައީސްވަނީ ރާއްޖޭގައި ވަގުފު އިމާރާތްތައް ބިނާކުރުމަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖެ އަށް އެހީތެރިކަން ދެވިދާނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެވެ. އޭގެތެރޭގައި ތަޢުލީމާއި އަދި ޞިއްޙީ ދާއިރާ ހިމެނޭކަމަށްވެސް އެ މިިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އައްޝައިޚް އަލީ ޝަރީފާއި ހައްޖު ކޯޕަރޭޝަންގެ ޗެއަރމަން އައްޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު ބައިވެރިވަޑއިގެންނެވިއެވެ. އަދި އައިޑީބީގެ ރައީސްގެ އިތުރުން އެ ބޭންކުގެ ބައެއް އިސްވެރިން ބައިވެރިވެޑައިގެންނެވިއެވެ.