ޚަބަރު

އެމްއެންޔޫ ޕީއެޗްޑީ ޕްރޮގްރާމުގެ ދެވަނަ ބެޗު އިފްތިތާޙު ކޮށްފި


މެލޭޝިޔާގެ މެނޭޖްމެންޓް އެންޑް ސައިންސް ޔުނިވަރސިޓީގެ އެހީތެރިކަމާއެކު މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ހިންގާ ޕީއެޗްޑީ ޕްރޮގްރާމުގެ ދެވަނަ ބެޗު އިފްތިތާޙުކޮށްފިއެވެ.
ޑޮކްޓަރ އޮފް ފިލޯސޮފީގެ ދެވަނަ ބެޗު އިފްތިތާޙުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއުއެވެ. ޕީއެޗްޑީ ޕްރޮގްރާމަށް ހޮވުނު 12 ދަރިވަރުންނަށް ޕްރޮގްރާމަށް ހޮވުނު ކަމުގެ ލިޔުން މިއަދު ވަނީ ޙަވާލުކޮށްފައެވެ.

މިޕްރޮގްރާމުގެ ކިޔެވުން އެމްއެންޔޫގައި ކުރިޔަށްދިޔަނަވަމެސް މެލޭޝިއާގެ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނާ އެއްފަދަ ފުރުޞަތުތަކެ އެމްއެންޔޫގައި ކިޔަވާ ދަރިވަރުންނަށްވެސް ލިބިގެންދާނެކަމަށް އެމްއެންޔޫއިން ބުނެއެވެ.
ޕީއެޗްޑީ ޕްރޮގުރާމަށް ހޮވުނު ދަރިވަރުންނަށް ޕްރޮގްރާމަށް ފައިސާ ދެއްކޭނެ ލުއިފަސޭހަ ގޮތްތަކެއްވެސް އެމްއެންޔޫން ވަނީ ހަމަޖައްސައިދީފައެވެ.

ޕީއެޗްޑީ ޕްރޮގްރާމަށް ހޮވުނު ދަރިވަރުންނަށް ޕްރޮގްރާމަށް ހޮވުނު ކަމުގެ ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެސްޔޫގެ ނައިބު ރައީސް ޕްރޮފެސަރ ޑރ. ޢަލީ ޚަތީބީ ވިދާޅުވީ ޤައުމީ ޔުނިވަރސިޓީގެ ތަޞައްވުރު ކާމިޔާބު ކުރުމުގައި އެޔުނިވަރސިޓީން އެހީތެރިވެދޭނެކަމަށެވެ. އޭނާ ވިދާޅުވީ އެމްއެންޔޫއަކީ މި ޞަރަޙައްދުގައި ގުނާލެވޭ ޔުނިވަރސިޓީއެއްގެ ގޮތުގައި ދެކެން ބޭނުންވާކަމަށާއި، އެކަމުގައި އެޔުނިވަރސިޓީން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

މެލޭޝިޔާގެ މެނޭޖްމެންޓް އެންޑް ސައިންސް ޔުނިވަރސިޓީގެ އެހީތެރިކަމާއެކު މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ހިންގާ ޕީއެޗްޑީ ޕްރޮގްރާމުގެ ދެވަނަ ބެޗު އިފްތިތާޙުކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވަނީ ޤައުމީ ޔުނިވަރސިޓީ އާއި އެމްއެސްޔޫއާ ގުޅިގެން ޕީއެޗްޑީ ޕްރޮގްރާމެއް ރާއްޖޭގައި ކުރިޔަށްގެންދާތީ އެކަަށް މަރުޙަބާ ކިޔާފައެވެ. އޭނާގެ ވާހަކަފުޅުގައި ޤައުމަކަށް އުނގެނުމާއި އުނގަންނައިދިނުމަކީ ނުހަނު ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވިއެވެ.
މެލޭޝިޔާގެ މެނޭޖްމެންޓް އެންޑް ސައިންސް ޔުނިވަރސިޓީގެ އެހީތެރިކަމާއެކު މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ހިންގާ ޕީއެޗްޑީ ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ދެ ދަރިވަރުން ވަނީ ދަސްވެނިފައިވެއެވެ.