ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ފްލެޓްތަކަށް މީހުން ބަދަލުވަމުންދާއިރު އަންނަ އަހަރު ހުޅުމާލެއަށް ދިހަހާހާ ގާތްކުރަ ޢަދަދަކަށް މީހުން އިތުރުވާނެކަމަށް އަންދާޒާކުރެވެއެވެ. މީގެ ސަބަބުން ހުޅުމާލޭ ފޭރީތަކަށް އޮންނަ ޑިމާންޑް ބޮޑުވެ ފެރީގެ ޚިދުމަތް ބޭނުންކުރާ މީހުންގެ ޢަދަދު އިތުރުވާނެއެވެ. ޑިމާންޑާ އެއްވަރަށް ފެރީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް އެމްޓީސީސީން ދަނީކުރަމުންނެވެ. އެގޮތުން މާލެ-ހުޅުމާލޭ ފެރީ ޓަމިނަލް ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ފަށާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ މާލެ-ހުޅުމާލެ ފެރީޓަރމިނަލް ބޮޑުކުރުމަށް މަސައްކަތްފަށާފައިވާއިރު އަންނަ ރަމަޟާންމަހުގެ ކުރިން އެތަން ނިންމައި ޚިދުމަތްދޭންފަށާނެކެމަށެވެ.
ޓާރމިނަލް ބޮޑުވުމުގެ ސަބަބުން މިހާރު ޚިދުމަތްދޭ ވަރަށްވުރެ %30 އިތުރު ޢަދަދެއްގެ މީހުންނަށް ޚިދުމަތްދެވޭނެ ކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ. ޓާރމިނަލް ބޮޑުކުރުމުގެ އިތުރުން އިތުރު ފެރީތަކެއް ގެންނަކަން ފާހަގަކުރައްވާ ޒިޔަތު ވިދާޅުވީ މިހާރުވެސް އިތުރުފެރީއެއްގެ ޚިދުމަތްދެމުންގެންދާކަމަށާއި ފެރީގެ ޚިދުމަތްތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ބަދަލެއް އަންނާނީ އޭސީފެރީއަށްކަމަށެވެ. އެގޮތުން ޓާރމިނަލް ބޮޑުކޮށް، ކޮންމެ ފަނަރަމިނެޓަކުން އެއަރ ކޮންޑިޝަން ފެރީ ބާއްވަން މަސައްކަތްކުރަމުންދާކަންޒިޔަތު ފާހަގަކުރެއްވިއެވެ.
"" ރޯދައިގެ ކުރިން ފެރީޓާރމިނަލްގެ މަސައްކަތްނިމި ހުޅުވާނެ. ޓާރމިނަލް ބޮޑުކޮށް ޚިދުމަތްދޭން ފެށުމާގުޅިގެން މިހާރު ޚިދުމަތްދެވޭވަރަށްވުރެ %30 އިތުރު ޢަދަދަކަށް (މީހުންނަށް) ޚިދުމަތްދެވޭނެ. ޓާރމިނަލް ބޮޑުކޮށް ފެރީގެ ޚިދުމަތައް ބަދަލުގެންނަން މަސައްކަތްކުރަމުންދާއިރު އެންމެ ބޮޑު ބަދަލެއްއަންނާނީ ހުޅުމާލެ އެކްސްޕްރެސް ލިންކަށް. އެގޮތުން ކޮންމެ ފަނަރަމިނެޓަކުން ޚިދުމަތް ދެމުންގެންދާނެ"އިބްރާހީމް ޒިޔަތު
ބްރިޖްގެ ޚިދުމަތާގުޅިގެން ފެރީތަކުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އަމާޒުކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. ޒިޔަތު ވިދާޅުވީ ބްރިޖާގުޅިގެން ފެރީތަކުގެ އަގުތަކަށް ބަދަލުއައުންވެސް އެކަށީގެންވާކަން ފާހަގަކުރައްވާ ވިދާޅުވީ މިހާރު އެކުންފުނިން ގެންގުޅޭ ފެރީތައް އެކި ޒޯންތަކަށްވެސް ބޭނުންކުރެވޭނެކަމަށެވެ.
""މިހާރު އެމްޓީސީސީން ކުއްޔަށްނަގާފައިވާ ބައެއްފެރީތައް ދޫކޮށްލުމަށް ހަމަޖެހިފައިވާކަމަށާއި ބްރިޖްގެ އޮޕަރޭޝަންތައް ރޭވިފައިވާގޮތުން ދެން އަޅުގަނޑުމެންނަށް އެނގޭނީ ދެން ހުރި ފެރީތައް ކުރިއަށްގެންދާނެގޮތް."އިބްރާހީމް ޒިޔަތު
ތަފާސް ހިސާބުތައް ދައްކާގޮތުން އެވްރެޖްގޮތެއްގައި ހުޅުމާލޭ ފެރީގެ ޚިދުމަތް ބޭނުންކުރަނީ ދުވާލަކު ބާވީސް ހާސް މީހުންނެވެ. އެހެން ނަމަވެސް މިޢަދަދު މިއަހަރު ފަންސަވީސް ހާހާއި ސައްބީސް ހާހާއި ދެމެދުގެ ޢަދަދަކަށް އަރާނެކަމަށް ލަފާކުރެވެއެވެ. މާލެ-ހުޅުމާލޭ ފެރީ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ފެރީޓާމިނަލްގައި އިތުރު އޮޓޮމެޓިކް ފެއަރ ކަލެކްޝަން ގޭޓުތައް ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެމްޓީސީސީން ބުނީ ޓާމިނަލް ހެދުމާއި ފެރީތައް ގެނައުމުގެ މަޝްރޫޢުއަށް 2 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެމްޓީސީސީގެ އަމާޒަކީ ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއާއި ޚިދުމަތުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފުޅާކުރުމެވެ.