ސިއްހަތު

އައިޖީއެމްއެޗުގައި ޓޮބޭކޯ ސެސޭޝަން ކްލިނިކެއް ހުޅުވައިފި


ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އެކަމުން ދުރުހެލިވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗުގައި ހުޅުވި ސެސޭޝަން ކްލިނިކުގެ ބޭނުން ވީހާވެސް ގިނަ ބަޔަކު ހިފުމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ ގޮވާލައްވައިފިއެވެ.

މިނިސްޓަރ މިކަމަށް ގޮވާލެއްލީ އައިޖީއެމްއެޗުގައި ޤާއިމްކޮށްފައިވާ ސެސޭޝަން ކްލިނިކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ލިބޭ ގެއްލުންތަކާއި އެކަމުން ދުރުހެލިވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރާ ޒުވާނުންނާއި ކުޑަކުދިން ތިބިކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައިޖީއެމްއެޗުގައި އަލަށް ހުޅުވި ސެސޭޝަން ކްލިނިކަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހުޅުވި ކްލިނިކެކެވެ. މިފަދަ މީހުންނަށް ބޭނުންވާނެ ގިނަ ޚިދުމަތްތަކާއެކު ހުޅުވި މި ކްލިނިކުގައި މަސައްކަތްކުރުމަށް މީގެ މަހެއްހާ ދުވަސްކުރިން ވަނީ މި ކަމަށް ޚާއްޞަ މުވައްޒަފުންތަކެއްވެސް ތަމްރީނުކޮށްފައެވެ. މި ކްލިނިކުގައި ކައުންސެލިންގް ގެ އިތުރުން ނިކޮޓިން އެޑިކްޝަނުން ސަލާމަތްކުރުމަށް ބެނުންވާ ފަރުވާއާއެކު ގިނަ ވަޞީލަތްތަކެއްވެސް ވަނީ ޤާއިމް ކޮށްފައެވެ.

އައި.ޖީ.އެމް.އެޗުގެ މަޤްޞަދަކީ މި ކްލިނިކުން ޚިދުމަތް ލިބިގަންނަން އެދޭ ފަރާތަކުގެ އިތުރުން އެތަނުގެ މުވައްޒަފުންނަކީވެސް ދުންފަތުގެ އިސްތިޢަމާލު ނުކުރާ ބަޔަކަށް ހެދުމެވެ.