ކުޅިވަރު

ޒޯން 6 ގެ ޗެމްޕިއަންކަން ތިމަރަފުށި އަދި ޒޯން 7 ގެ ޗެމްޕިއަންކަން ހޯޑެއްދޫ ހޯދައިފި


އެސްޓިއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ހައެއްގެ ޗެމްޕިއަންކަން ތ.ތިމަރަފުށި އަދި ޒޯން ހަތެއްގެ ޗެމްޕިއަންކަން ގދ.ހޯޑެއްދޫ ހޯދައިފިއެވެ.

މުބާރާތުގައި އިއްޔެ ޒޯން ހަތެއްގައި ހޯޑެއްދޫއާއި ކޮނޑޭ ވާދަކުރި ފައިނަލުގެ ދެވަނަ ލެގު ކޮނޑޭ ކާމިޔާބު ކުރި ނަމަވެސް ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު ކުރި ލިބުނީ ހޯޑެއްދޫއަށެވެ. ފުރަތަމަ ލެގުގެ މެޗު ހޯޑެއްދޫ ކާމިޔާބުކުރީ 3-0 ނެވެ. އިއްޔެ ހޯޑެއްދޫ ދަނޑުގައި ކުޅުނު މެޗު ކޮނޑޭ ކާމިޔާބުކުރީ 1-0 ނެވެ.

މުބާރާތުގެ ޒޯން ހައެއްގައި އިއްޔެ ކުޅުނު ފައިނަލުގެ ދެވަނަ ލެގުގައި ތ.ތިމަރަފުށްޓާއި ލ.މާބައިދޫ ވާދަކުރި މެޗު ކާމިޔާބުކޮށް ތިމަރަފުށި ވަނީ ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދާފައެވެ. މެޗު ތިމަރަފުށި ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މިދެޓީމް ވާދަކުރި ފުރަތަމަ ލެގު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

މުބާރާތުގައި އިއްޔެ ކުޅުނު ޒޯން ހަތަރެއްގެ ފައިނަލުގެ ފުރަތަމަ ލެގު ކާމިޔާބުކުރީ ހިންމަފުށްޓެވެ. ހިންމަފުށީގައި ކުޅުނު މެޗު ހިންމަފުށި ކާމިޔާބުކުރީ އދ.ފެންފުށްޓާ ވާދަކޮށް 2-1 ނެވެ.

އިއްޔެ ޒޯން އަށެއްގެ ފައިނަލުގެ ފުރަތަމަ ލެގު ހިތަދޫ ކާމިޔާބުކުރީ ދޫނޑިގަމާ ވާދަކޮށް 2-0 ނެވެ.
މުބާރާތުގެ މިހާތަނަށް ކުޅުނު މެޗުތަކުން ކަށަވަރު ނުވެ، އޮތީ ދެ ޒޯނެއްގެ ޗެމްޕިއަން ޓީމެވެ. މިހާތަނަށް އަތޮޅު ބުރާއި ޒޯން ބުރު ކުޅެގެން ފައިނަލު ބުރަށް ކޮލިފައިވެފަވަނީ ޒޯން އެކެއްގެ ޗެމްޕިއަން ހއ.މުރައިދޫ އާއި، ޒޯން ދޭއްގެ ޗެމްޕިއަން ށ.ފޯކައިދޫއާއި، ޒޯން ތިނެއްގެ ޗެމްޕިއަން ބ.ފެހެންދޫއާއި، ޒޯން ފަހެއްގެ ޗެމްޕިއަން ފ.ނިލަންދޫއާއި، ޒޯން ހައެއްގެ ޗެމްޕިއަން ތިމަރަފުށްޓާއި، ޒޯން ހަތެއްގެ ޗެމްޕިއަން ގދ.ހޯޑެއްދޫއެވެ.