ޚަބަރު

ރާއްޖޭގައި އަލަށް ފަށާ ޑޮކްޓަރުންގެ ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ޑޮކްޓަރުކަން ކިޔަވަން ރާއްޖެއަށް އަލަށް ތައާރަފުކުރާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ޤައުމީ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.
ޤައުމީ ޔުނިވާސިޓީން ބުނީ އަންނަ ޖުލައި މަހު އެ ޔުނިވާސިޓީން ފަށާ ކޯސްތަކުގެ ތެރޭގައި ހިމަނާފައިވާ އެމްބީބީއެސް ކޯހުން 50 ޖާގަދިނުމަށް ނިންމާފައިވާކަމަށެެެވެ. މިކޯހަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 22ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 14ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި ކޯހަށް ކުރިމަތިލިމުގެ ޝަރުތަކުގެ ތެރޭގައި އޭލެވެލްގައި ބައޮލޮޖީ، ކެމިސްޓްރީ އަދި ހިސާބުން ފާސްވުމާއިއެކު މަދުވެގެން ފަސް މާއްދާއިން ފާސްވުން ހިމެނެއެވެ. އަދި އިނގިރޭސިން ދަށްވެގެން ސީ ފާސް އޮންނަންޖެހެއެވެ. މި ކޯހުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

އެންއެންޔޫއިން ބުނީ އަލަށް ފަށާ އެމްބީބީއެސް ކޯހުގެ ފީތަކާއި އެހެނިހެން މުހިއްމު މައުލޫމާތުތައް އަންނަ ހަފްތާގައި އެ ޔުނިވާސިޓީން އާއްމުކުރާނެކަމަށެވެ. މި ކޯހުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ހާއްސަކޮށްގެން ހަޔަރ އެޑިއުކޭޝަނުން ވަނީ ހާއްސަ ލޯނެއް ތައާރަފުކޮށްފައެވެ. 50 ފުރުޞަތުގެ މި ލޯނަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މެޑިކަލް ކޮލެޖް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗްގައި ތަރައްޤީކުރާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އެ އިމާރާތުގެ 2 ބުރި މެޑިކަލް ކޮލެޖަށް ވަނީ ހާއްސަކޮށްފައެވެ.