ޚަބަރު

ރިޔާސީ އިންތިޚާބުގެ ކުރިން މީޑިއާތަކާއި އޮބްޒާވަރުންނަށް ތަމްރީނު ޕްރޮގްރާމެއް


ވޯޓުލާ ދުވަހު ހަރަކާތްތެރިވާ އޮބްޒާވަރުންނާއި، މޮނިޓަރުން އަދި ކެނޑިޑޭޓުންގެ މަންދޫބުންނަށްވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ތަމްރީނު ޕްރޮގްރާމްތަކެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް ދެމުންގެންދާ ތަމްރީނު ޕްރޮގްރާމާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެެއްވަމުން އެ ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ވިދާާޅުވީ، ކޮންމެ އިންތިޚާބެއްގެ ކުރިން އެ އިންތިޚާބެއްގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ވޯޓުލާ ދުވަހު ހަރަކާތްތެރިވާ އޮބްޒާވަރުންނާއި، މޮނިޓަރުން އަދި ކެނޑިޑޭޓުންގެ މަންދޫބުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ބޭއްވުމަށް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މޮނިޓަރުން ތަމްރީނުކުރުމުގެ އިތުރުން ބްރޯޑްކާސްޓިންގ ކޮމިޝަނާއި ގުޅިގެން މީޑިއާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ތަމްރީނު ޕްރޮގްރާމެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އާންމު ގޮތެއްގައި އިންތިހާބެއްގައި އަބަދުވެސް ހަތަރު ހާހަށްވުރެ ގިނަ އޮފިޝަލުން ވޯޓު ފޮށިތައް ކައިރީ ހަރަކާތްތެރިވަމުންދާނެ. އަޅުގަނޑުމެން އަބަދުވެސް ކޮންމެ އިންތިހާބަކަށް ވަކިން އޮފިޝަލުންނަށް ޓްރެއިނިންގ ދޭނެ. އެހެންނަމަވެސް އެ ޓްރެއިނިންގ އަކީ ތަންކޮޅެއް ފަހުން ދެވޭނެ ޓްރެއިނިންގ އެއް. ބޭނުންވަނީ ވީހާވެސް ވޯޓުލާ ދުވަސް ގާތްކޮށްފައި ޓްރެއިނިންގ ބާއްވަން." އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެ ކޮމިޝަންގެ ޓީމުތައް ފޮނުވަން ނިންމާ ތަމްރީނުތަކެއްވެސް ކުރިއަށްގެންގޮސްފައެވެ. އެގޮތުން އެ ކޮމިޝަންގެ ޓީމުތައް މި މަހުގެ 24 ވަނަ ދުވަހު ރާއްޖޭގެ ހަތަރު ސަރަހައްދަކަށް ފޮނުވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.