ދުނިޔެ

ކޮންގޯގެ 256 ފަނޑިޔާރަކު މަޤާމުން ވަކިކޮށްފި


ޑިމޮކްރެޓިކް ރިިޕަބްލިކް އޮފް ކޮންގޯގެ 256 ފަނޑިޔާރަކު ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފިއެވެ.
މެދުތެރޭ އެފްރިކާގެ ޤައުމެއްކަމަށްވާ ކޮންގޯގެ 256 ފަނޑިޔާރަކު މަޤާމުން ވަކިކުރަން ނިންމީ އެޤައުމުގެ ރައީސް ޖޯސެފް ކަބީލާއެވެ. ކޮންގޯގެ ޖަސްޓިސް މިނިސްޓަރ ވިދާޅުވީ ފަނޑިޔާރުން މަޤާމުން ވަކިކުރަން ރައީސް ނިންމެވީ، އެބޭފުޅުން މަޤާމުތަކަށް ކުފޫ ހަމަނުވާތީކަމަށެވެ. އެގޮތުން ބައެއް ފަނޑިޔާރުންގެ އަތުގައި ފަނޑިޔާރަކަށްވުމަށް ބޭނުންވާ ޤާނޫނީ ޑިގްރީ ނެތްކަން ޖަސްޓިސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ބައެއް ފަނޑިޔާރުންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.
256 ފަނޑިޔާރަކު މަޤާމުން ވަކިކުރަން ނިންމާފައިވާއިރު، އޭގެ ތެރެއިން ބައެއް ފަނޑިޔާރުން ތިބީ ސަސްޕެންޑުކޮށްފައެވެ. އަގުބޮޑު މައުދަންތަކުގެ މުއްސަނދިކަން ލިބިފައިވާ ކޮންގޯގައި ގާތްގަނޑަކަށް 4000 ފަނޑިޔާރުން ތިބެއެވެ،

އެޤައުމުގެ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ފަނޑިޔާރުންގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް ވަރަށް ބޮޑެވެ. އަދި ބައެއް ފަނޑިޔާރުންނަކީ ރިޝްވަތު ނެގުމުގެ ބޭނުމުގައި ފަނޑިޔާރުގެ މަޤާމު ހޯދާ މީހުންކަމަށްވެސް އެޤައުމުގެ ސަރުކާރުން ތުހުމަތުކުރެއެވެ.
ކޮންގޯގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވީ ޖުޑީޝަރީ އިސްލާހުކުރުމަށް ކުރިއަށް އޮތްތަނުގައި އިތުރު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނޭކަމަށެވެ. އެގޮތުން މިހާރު ހުރި ޤާނޫނުތައް އިތުރަށް ހަރުދަނާކުރުމަށް ނިންމާފައިވާކަމަށް ކޮންގޯގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވިއެވެ.
2009 ވަނަ އަހަރުވެސް ކޮރަޕްޝަނުގެ ތުހުމަތުތަކެއްގައި ކޮންގޯގެ ރައީސް ވަނީ އެޤައުމުގެ 96 ފަނޑިޔާރަކު މަޤާމުން ވަކިކޮށްފައެވެ.