ކުޅިވަރު

ކްލަބް މޯލްޑިވްސްކަޕްގެ ޗެމްޕިއަންކަން ޓީސީއެލް ހޯދައިފި


ކުލަބް މޯލްޑިވިސްކަޕުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ގްރޭޓަރ މާލެ ރީޖަނަލް އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ކުލަބް ޓީސީއެލް ހޯދައިފިއެވެ.

ޓީސީއެލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މޯލްޑިވިއަން އާއި ވާދަކޮށް 4-1 ލަނޑުން މެޗު ކާމިޔާބުކޮއްގެންނެވެ. މެޗުގައި ޓީސީއެލްއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މުހަންމަދު ލިޔާހުއެވެ. ލިޔާހު ވަނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ.
ޓީސީއެލްއަށް ދެން ލަނޑު ޖަހައިދިނީ މުހަންމަދު ރިފްއަތުއެވެ. މޯލްޑިވިއަންގެ ހަމައެކަނި ލަނޑު ޖެހީ ހުސެއިން އަފްސަލްއެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ކުލަބް އެމްޓީސީސީއެވެ. އަދި ފެއާޕްލޭ ކުޅުންތެރިއަކީ އުރީދޫގެ މުހަންމަދު ފާސިރުއެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ދިރާގުގެ ނާއިފް ޝަފީޤުއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޓީސީއެލްގެ ގޯލްކީޕަރު އިސްމާއިލް ފާތިހުއާއި، އެޓީމުގެ މުހަންމަދު ލިޔާހު އާއި މުހަންމަދު ރިފްއަތުގެ އިތުރުން މޯލްޑިވިއަންގެ ހުސެއިން އަފްސަލް އާއި އަބްދުﷲ ޝައްފާންއެވެ. އެންމެ މޮޅު ކޯޗަކީ މިދިޔަ އަހަރު އެމްއާރުޑީސީއަށް ތަށި ހޯދައިދިން އަދި މިއަހަރު ޓީސީއެލްއަށް ތަށި ހޯދައިދިން ކޯޗު އަހުމަދު އިރުފާންއެވެ.

މުބާރާތުގެ އެއިޓީން ތާޓީ ވުމެންސް ފިއެސްޓާރގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލްއެވެ.