ޚަބަރު

"ފަރުކޮއެ" ޕްރޮގްރާމް، މާފުށި ސްކޫލްގެ ދަރިވަރުންނަށް


ސްކޫލު ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ "ފަރުކޮއެ" މަޝްރޫއުގައި މާލެއަތޮޅު މާފުށި ސްކޫލު ބައިވެރިވެ އެ ސްކޫލްގެ ދަރިވަރުންނަށް ފަރުތައް ދައްކަންފަށައިފިއެވެ.

ފަރު ކޮއެ" މަޝްރޫޢަކީ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފަރުތަކާއި ފަރުތަކުގެ ވަށައިގެންވާ ދިރުންތަކުގެ ރީތިކަމާއި، އެތަންތަނުގެ މުހިންމުކަށް ދަރިވަރުންނަށް އަންގައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.

މާފުށި ސްކޫލްގެ ދަރިވަރުންނަށް ފަރުތައް ދައްކާލުމުގެ ޕްރޮގްރާމްފަށާފައިވާއިރު އެކުދިންނަށް ފަރުތައް ދާކާލަނީ އެރަށު ޑައިވިން ސްކޫލްއާއި މޯލްޑިވްސް ޕެޝަން ޑައިވް ސްކޫލްގެ އެހީތެރިކަމާއެކުގައެވެ. ފަރުތައް ދާކާލުމުގެ ޕްރޮގްރާމްފެށުމުގެ ކުރިން މާފުށި ސްކޫލް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަނީ ފަރުތަކުގެ މުހިއްމުކަން ފާހަގަކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގާފައެވެ. މީގެ އިތުރުން ދަރިވަރުންނަށް ޚާއްސަކޮށްގެ ކުރެހުމުގެ މުބާރާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މާފުށި ސްކޫލްގެ ޕްރިންސްޕަލް ޢަބްދުލް ނާސިރު މުޙައްމަދު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ފަރުތައް ދައްކާލަން ހަމަޖެހިފައިވާކަމަށެވެ. އެ ސްކޫލްގައި ތަޢުލީމް ހާސިލްކުރާ ގްރޭޑް ހަތަރަކުންފެށީގެން މަތީގެ ދަރިވަރުން ފަރުތައް ބަލާލުމަށް ހަމަޖެހިފައިވަނީ ޑައިވްކޮށްގެންނެވެ.

ގްރޭޑް 3 އިން ދަށުގެ ކްލާސްތަކުގައި ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުން ސްނޯކްލިންއަށް ދިޔުމަށް ހަމަޖެހިފައިވާކަމަށް މާފުށި ސްކޫލުން މަޢުލޫމާތުދެއެވެ. މިގޮތުން އަންނަ ރަމަޟާންމަހުގެ ކުރިން އެ ސްކޫލެގެ ހުރިހާދަރިވަރުންނަށް ފަރުތައް ދައްކާލާ ނިމޭނެކަމަށް ނާސިރު ވިދާޅުވިއެވެ.

ދަރިވަރުންނަށް ފަރުތައް ދައްކާލުމަށް އެހީތެރިވާ ދެ ޑައިވް ސްކޫލްގެ އިސްވެރިން ބުނީ މިފަދަ ޕްރޮގްރާމަކީ ކޮންމެހެންވެސް ކުރިއަށްގެންދަންޖެހޭ ޕްރޮގްރާމެއްކަމަށެވެ. އަދި މިއީ އަންނަން އޮތް ޖީލްތަކަށް ފަރުތަކުގެ މުހިއްމުކަން އަންގައިދިނުމަށް މުހިއްމު މަޝްރޫޢުއެއްކަން ފާހަގަކުރިއެވެ.

މާފުށި ސްކޫލްގެ ދަރިވަރުންވަނީ ފަރު ބަލާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް އެކުދިންނަށް ކުރެވުނު ތަޖުރިބާތައް ޙިއްސާކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޢަމާޒަކީ ކޮންމެ ދަރިވަރަކަށްވެސް މަދުވެގެން އަހަރަކު އެއްފަހަރު ފަރުތައް ބަލާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ކޮންމެ ކުއްޖަކީވެސް ރީފް އެމްބެސެޑަރަކަށް ހަދާ، ފަރުތަކާއި މުރަކަތައް އަދި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ދަރިވަރުންނަށް ބާރުއަޅާ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވެއެވެ.