ޚަބަރު

ރައީސް ކުރިއަށްގެންދަވާ އެންމެ ބޮޑު މަޝްރޫއަކީ އިސްލާމްދީން ހިމާޔާތްކުރުމުގެ މަޝްރޫޢު - ޑރ. މުޢިއްޒު


ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގައި ކުރިއަށްގެންދަވާ އެންމެ ބޮޑު މަޝްރޫއަކީ އިސްލާމްދީން ހިމާޔާތްކުރުމުގެ މަޝްރޫއުކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "މަމެން ރައީސް ޔާމީނާއެކު" މިނަމުގައި ތ. ވޭމަންޑުގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ވޭމަންޑުގައި ބޭއްވި ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ރައީސް ޔާމީން އިސްލާމްދީން ހިމާޔަތްކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކޮށް ވާހަކަ ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވި މި ޖަލްސާގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއަށް ވުރެ ބޮޑު މަޝްރޫއަކީ އިސްލާމްދީން ހިމާޔަތްކުރުމުގެ މަސައްކަތްކަމަށެވެ. އިސްލާމްދީން ހިމާޔާތްކުރުމުގެ މި މަޝްރޫއަކީ އަގުނުކުރެވޭފަދަ ބޮޑު މަޝްރޫއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ފުރުސަތު ދީފިނަމަ އިސްލާމްދީނަށް ކުޑާމިސްކޮށް ދީން ނައްތާލާ، އިތުރު ދީންތަކަށް ފުރުޞަތުދޭން މަސައްކަތްކުރާނެކަން އެ މީހުންގެ ޢަމަލުތަކުން ފެންނަމުންދާކަމަށެވެ. ނަމަވެސް މި ސަރުކާރުން މަސއްކަތް ކުރައްވަނީ މިސްކިތްތައް ބިނާކުރުމާއި ޢަރަބި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުމަށްކަމަށެވެ.

ހައުސިން މިނިސްޓަރ ވަނީ މިސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ތަރައްޤީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މަޝްރޫއުތަކުގެ ތަފްސީލް ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 77 ބަނދަރު ތަރައްޤީކުރުމަށް 2.5 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. އަދި 9 ޖެޓީއެއް ތަރައްޤީ ކޮށްފައިވާއިރު އެ މަޝްރޫޢުތަކަށް 64.5 މިލިޔަން ރުފިޔާ ޚާރަދުކޮށްފައިވާކަމަށެވެ. މީގެ އިތުރުން 22 ރަށުގެ މަގު ހެދުމުގެ މަޝްރޫއަށް 1.2 ބިލަޔަން ރުފިޔާއާއި 12 ރަށެއްގެ ހިއްކި ސަރަޙައްދު ހިމާޔަތްކުރުމަށް 484 މިލިޔަން ރުފިޔާ މި ސަރުކާރުން ޚަރަދުކޯށްފައިވާކަމަށް ވިދާޅުވިއެވެ. އަދި 14 ރަށެއްގެ ބިން ހިއްކުމަށް 1.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.

ތ. އަތޮޅަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ޖަލްސާގައި ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.