ކުޅިވަރު

ޕެލޭ – ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ


ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ބަހުސަކީ ދުވަހަކުވެސް ނިމޭނެ ބަހުސެއް ނޫނެވެ. ޕެލޭ ނުވަތަ މެރަޑޯނާތޯއެވެ. ނޫނީ މެސީ ނުވަތަ ރޮނާލްޑޯތޯ ކުރާ ބަހުސް ދާނީ ހަމަ ކުރިއަށެވެ. ނަމަވެސް ވޯލްޑްކަޕްގެ ތާރީޙުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާއަކީ ކާކުތޯ އަހައިފިނަމަ ބްރެޒިލްގެ ޕެލޭއޭ ބުނުމުން ދޮގަކަށް ހަމަޤައިމުވެސް ނުވާނެއެވެ.
އެޑްސަން އެރަންޓޭސް ޑޯ ނަސިމެންޓޯ ނުވަތަ މަޝްހޫރު ނަމުންނަމަ ޕެލޭ ފުޓްބޯޅަ ދަނޑުން ފުރަތަމަ ފެނިގެންދިޔައީ 1956 ވަނަ އަހަރު އޭނާގެ އުމުރުން އެންމެ 16 އަހަރުގައެވެ. 15 އަހަރުގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ފާހަގަވެފައިވަނީ އާދަޔާ ޚިލާފު މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. 1999 ވަނަ އަހަރު އިންޓަނޭޝަލް އޮލިމްޕިކް ކޮމިޓީން ވަނީ ޤަރުނުގެ އެންމެ މޮޅު ކުޅިވަރު ކުޅުންތެރިޔާގެ ލަޤަބު އޭނާއަށް ދީފައެވެ. މީގެ އިތުރުންވެސް އެތައް އެވޯޑްތަކަކާއި ޝަރަފުތަކެއް ޕެލޭއަށް ލިބިފައިވެއެވެ.

ވޯލްޑް ކަޕު ތާރީޚުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ގޮތުގައި ޕެލޭ ފާހަގަވެފައިވަނީ މިދެންނެވި ސަބަބުތަކަށްވުރެ މުހިއްމު ސަބަބަކާ ހެދީއެވެ. ޕެލޭއަކީ ވޯލްޑް ކަޕް އެންމެ ގިނައިން ކާމިޔާބު ކުރި ކުޅުންތެރިޔާއެވެ. ޕެލޭއަކީ ބްރެޒިލުން 1958، 1962 އަދި 1970 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިއެކެވެ. 3 ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމުގައި ޚިއްސާވި އިތުރު އެއްވެސް ކުޅުންތެރިޔަކު ތާރީޚުން ފެންނާކަށް ނެތެވެ. މިއީ އިތުރު އެއްވެސް ކުޅުންތެރިޔަކަށް ލިބިފައިވާ ޝަރަފެއް ނޫނެވެ. ޕެލޭއާއެކު ބްރެޒިލުން 3 ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، 3 މުބާރާތުގައިވެސް ޕެލޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

ޕެލޭއާ އެންމެ ގާތްކުރަނީ 2 ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިންނެވެ. އޭގެ ތެރޭގައިވެސް ގިނައީ ޕެލޭއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލްގެ ކުޅުންތެރިންނެވެ. ދެން ހިމެނެނީ 1994 އަދި 2002 ވަނަ އަހަރު ބްރެޒިލްއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ދެ ކުޅުންތެރިންކަމަށްވާ ކަފޫއާއި ރޮނާލްޑޯއެވެ. މީގެ ތެރެއިން ރޮނާލްޑޯ 94ގެ ބްރެޒިލްގެ ޓީމުގައި ހިމެނުނަމަވެސް ކުޅުމުގެ ފުރުޞަތެއް ނުލިބެއެވެ. ބްރެޒިލް ކުޅުންތެރިންގެ އިތުރުން 2 ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އިޓަލީން 1934 އަދި 1938 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ 4 ކުޅުންތެރިއެކެވެ.
އެހެންކަމުން ޕެލޭއަކީ ވޯލްޑް ކަޕްގެ ތާރީޙުގައިވެސް އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ.