ކުޅިވަރު

ބެންގަލޫރު ބަލިކުރުމަކުން އަދި ނުފުދޭ: އޮސްކާ


ބެންގަލޫރު ބަލިކުރި ނަމަވެސް އަދި މުޅިން ނުނިމޭ ކަމަށާއި، މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށްޓަކައި ކުރިއަށް އޮތް މެޗުން ތިން ޕޮއިންޓް ހޯދަން މުހިންމުކަމަށް ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރޮޒަން ބުނެފިއެވެ.

އޭފްއެފްސީ ކަޕް ގުރޫޕް އީގައި ބަނގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް މާދަމާ ނިކުންނަޖެހޭ މެޗާ ގުޅޭ ގޮތުން ވާހަކަދައްކަމުން ނިއުގެ ކޯޗު އޮސްކާ ބުނީ ޑާކާ އަބަހާނީގެ މެޗަކީ އެއްގޮތަކަށްވެސް ފަސޭހަވާނެ މެޗެއްކަމަށް އޭނާ ޤަބޫލުނުކުރާކަމަށެވެ. އަބަހާނީ އަކީ ފިޒިކަލީ ވަރުގަދަ ޓީމެއްކަން ފާހަގަކުރަމުން އޮސްކާ ބުނީ އެޓީމުގެ ފަރާތުން މާދަމާވެސް ފެންނާނެކަމަށް ބެލެވެނީ އާއްމުކޮށް ކުޅޭ ފިޒިކަލް ގޭމް ކަމަށެވެ. އެހެންނަމެވެސް ބެންގަލޫރު އަތުން ހޯދިމޮޅާއެކު ޓީމުގެ ކޮންފިޑެންސް ލެވެލް މަތިވެއްޖެކަމަށާއި، ނިއުރޭޑިއަންޓް އޮތީ ހުރިހާ ގޮތަކުންވެސް މެޗަށް ތައްޔާރަށްކަމަށެވެ.
ނިއުގެ ކޯޗު އޮސްކާ ބުނީ މެޗާ ކުރިމަތިލާއިރު އޭނާއަށްވެސް އަދި ކުޅުންތެރިންނަށްވެސް އޮތް އެންމެ ބޮޑު ޔަޤީންކަމަކީ ޑާކާ އަބަހާނީ ދަސްވުންކަމަށެވެ. މެޗާ ކުރިމަތި ލާއިރު ނިއުރޭޑިއަންޓް ތާވަލުގެ އެއްވަނައިގައި އޮތްނަމަވެސް މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށްޓަކައި އަބަހާނީ އަތުން ތިން ޕޮއިންޓު ހޯދުން މުހިންމުކަން އޮސްކާ ފާހަގަކުރިއެވެ. އޭނާ ބުނީ ބަނގަލަދޭޝްގެ ޑާކާ އަބަހާނީއަކީ ޑިފެންސް ރަނގަޅު ޓީމެއް ކަމަށާއި، މިހާތަނަށް ކުޅުނު މެޗުތަކުން އެޓީމު އެކަން ސާބިތުކޮއްދީފައިވާކަމަށެވެ.

" އަހަންނަށް ނިއުރޭޑިއަންޓު ފެންނަނީ ކާމިޔާބު ހޯދަން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާތަން. އަހަންނަކީ ވަކިކުޅުންތެރިންތަކެއް ތަފާތުކުރާނެ މީހެއްނޫން. ވަކި ބިދޭސީ ނުވަތަ ދޭސީ ކުޅުންތެރިންގެ ތަފާތެއް ނޫން މި ފެންނަނީ، ހަމަ މުޅިޓީމުގެ މަސައްކަތް. އެއީ މިހާރު ހޯދަމުން މިދާ ކާމިޔާބީގެ ސިއްރަކީ" އޮސްކާ ބުންޏެވެ.

އޭއެފްސީކަޕު ގުރޫޕް ފިޔަވަހި ފަހަނައަޅާ ދެވަނަ ބުރަށް ދެވޭނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށެވެ. މެޗާ ކުރިމަތަލާއިރު ހެޑް ޓު ހެޑުން މިވަގުތު ގުރޫޕް ލީޑްކުރަމުންދަނީ ނިއުރޭޑިއަންޓެވެ. އަބަހާނީ އޮތީ ކުޅުނު ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކު ތިންވަނައިގައެވެ.

މާދަމާ ނިއުރޭޑިއަންޓާއި ޑާކާ އަބްހާނީ ވާދަކުރާ މެޗު ޕީއެސްމްގެ ޓީވީއެމްއާއި، ޔެސް ޓީވީއިން ވަގުތުން ދައްކާނެއެވެ. އަދި ދިވެހިރާއްޖޭގެ އަޑުން މެޗު ހިނގަމުންދާގޮތް ވަގުތުން ދުރަށް ފޮނުވާނެއެވެ. މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރުއެވެ.