ޚަބަރު

ޒުވާން އެތްލެޓިކްސް ޓީމަށް ޔޫތް މިނިސްޓަރާއި، އެޑިއުކޭޝަން މިނިސްޓަރ ހިތްވަރު ދެއްވައިފި


ސައުތު އޭޝިޔަން ޖޫނިޔަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެތުލީޓުންނާ ޔޫތް މިނިސްޓަރާއި، އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލު ކުރައްވައިފިއެވެ.

މިމަހު ފަސްވަނަ ދުވަހު ކޮލަންބޯގައި ފަށާ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނާއި ބައްދަލުކުރައްވައި ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭ ތަމްސީލުކުރަމަށް ދާ އެތުލީޓުން ރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން މުބާރާތުގައި ބައިވެރިވާ އެހެން ގައުމުތަކަށް ރީތި ނަމޫނާ ދެއްކުމަށް މިނިސްޓަރ އެތީލުޓުން ކިބައިންވަނީ އެދިފައެވެ.

މިނިސްޓަރާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކެރެޓެރީ އަޙުމަދު މުންތަގިމް ވިދާޅުވީ ހުރިހާ އެތުލީޓުން ވެސް ގައުމަށް ރީތިނަން ހޯދައިދުމަށް މަސައްކަތް ކުރާނެ ކަމަށާއި އެ ނަމުނާވެސް އެތުލީޓުންގެ ފަރާތުން ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް ދެއްވި ޚާއްސަ އިންޓަވިއުގައި ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، ރާއްޖޭގެ ޓީމުގައި ހިމެނޭ ޒުވާން އެތުލީޓުން ސަރުކާރުން އުންމީދުކުރައްވާ ގޮތައް މުބާރާތުން މެޑަލް ހިފައިގެން ރާއްޖެ އެނބުރި އައުން އެއީ ކުރައްވާ ވަރަށް ބޮޑު އުންމީދެއްކަމަށެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ބައިނަލްއަގުވާމީ އެކި މުބާރާތް ތަކުން މެޑަލް ހޯދުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ހަރަދުކުރައްވައިގެން އެތުލީޓުންނަށް ބައިނަލްއަގުވާމީ ތަމްރީންތައް ހޯދުމުގެ ފުރުސަތު މިހާރުވަނީ ފަހިކުރައްވައިފައެވެ.

" އަޅުގަނޑުމެން ރާއްޖޭގެ އެތުލީޓުން އަބަދުވެސް ބޭރު މުބާރާތެއްގައި ވާދަކުރާ ކަމަށްވާނަމަ މަތީ ވަނަތަކެއް ނުވަތަ މަތީމެޑަލްތަކެއް ހޯދުން އެއީ ސަރުކާރުގެ އަމާޒު." ޔޫތް މިނިސްޓަރ ވިދާޅުވިއެވެ.


މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމާއި އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމްވެސް ބައްދަލުކުރައްވައިވަނީ ހިތްވަރު ދެއްވައިފައެވެ. އަދި ކާމިޔާބު ހޯދިމުށް ގަދައަޅައި މަސައްކަތް ކުރުމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އެތުލީޓުންނަށް ގިނަ ފުރުސަތުތައް މިހާރު ހުޅުވާލެވިފާވާކަމަށާއި ދުވަހެއް ދުވަހަކަށް އެތުލެޓިކްސް މުބާރާތްތަކުގައި ބައިވެރިވާ އަދަދު އިތުރުވުމުންދާ ދިޔުމަކީ ކާމިޔާބެއްކަމަށެވެ. އެތުލީޓުންގެ ބެލެނިވެރިން ކުރަމުންދާ މަސައްކަތާއި ސުކޫލްތަކުން ކުރަމުންދާ މަސައްކަތް މިނިސްޓަރ އައިޝަތު ޝިހާމް ފާހަގަކުރެއްވިއެވެ.

" އަޅުގަނޑު ވަރަށް އުފާވޭ އެތުލީޓުން ކުރިއެރުމަށް ބެލެނެވެރިން ކުރަމުންދާ މަސައްކަތްފެނިފަ، ހަމަ އެފަދައިން ސުކޫލަތަކުން ވަރަށްގިނަ މަސައްކަތް ކުރައްވާ." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މުބާރާތުގައި ރާއްޖޭގެ ޓީމުގައި ހިމެނޭ އެތުލީޓުންގެ ތެރޭގައި ސުކޫލުތަކުގައި ކިޔަވާ ދަރިވަރުން ހިމެނޭއެވެ. ރާއްޖެއިން މުބާރާތުގައި ވާދަކުރަނީ އަންހެން 3 އެތުލީޓުންނާ ފިރިހެން 5 އެތުލީޓުންނެވެ.