ތޮއްޖެހުން ކުޑަކޮށް އިޖުތިމާޢީގޮތުން ރައްކާތެރި އާއިލާތަކަށް ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކުރެވޭނެ މާހައުލެއް ޤާއިމްވެފައިވާ ތަނަކަށް ވެރިކަންކުރާ މާލެ ހެދުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރަމުންދާކަމެކެވެ. މި މަސައްކަތުގެ ދަށުން މާލޭގައި ހިތްފަސޭހަ މައިޒާންތަކާއި ޕާކުތައްވެސް ސަރުކާރުން ގެންދަނީ ތަރައްޤީ ކުރަމުންނެވެ.
ސަރުކާރުން ކުރަމުންދާ މި މަސައްކަތުގެ ދަށުން މާލޭ ހުޅަނގުދެކުނު ހާބަރު ކަޑަތައް ހުރި ސަރަހައްދު ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫޢަކީ ފާހަގަ ކޮށްލެވޭ މަޝްރޫޢެކެެވެ. އާންމުންގެ ގިނަ ބަޔަކު ކާބޯތަކެތީގެ ޚިދުމަތް ހޯދަމުންދިޔަ މި ސަރަހައްދަކީ ކުރިން މާބޮޑު ތަރުތީބެއްނެތި އޮތް ސަރަހައްދެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ކަޑަތައް ހިންގަމުންދިޔައިރު މި ސަރަހައްދަކީ ގިނަ ބަޔަކު ޚިދުމަތް ހޯދަމުންދިޔަ ސަރަހައްދަކަށްވިޔަސް މި ތަނަކީ އާއިލާތަކާއެކު ހިތްފަސޭހަ ވަގުތުތަކެއް ހޭދަކޮށްލެވޭނެފަދަ ފުރިހަމަ މާހައުލެއް ޤާއިމްވެފައި އޮތް ތަނެއް ނޫނެވެ.
ނަމަވެސް މިހާރު ސަރުކާރުން މިވަނީ މިތަނަކީ ހިތްފަސޭހަ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބޭ ތަނަކަށް ބަދަލުކޮށް މި ސަރަހައްދުގެ މަލަމަތި ރީތިކޮށް ފެންނާނެހެން މި ސަރަހައްދު ތަރައްޤީކޮށްފައެވެ.
މާބޮޑު ތަރުތީބެއްނެތި ތޮއްޖެހިފައި ހުރި ކަޑަތަކެއް ހުރި މި ސަރަހައްދުން މިއަދު މި ފެންނަނީ އެންމެ ޒަމާނީ މަތީ ފެންވަރުގެ ފުޑް ކޯޓުތަކެކެވެ. 2016 ވަނަ އަހަރު އެސްޓީއޯއާ ހަވާލުކޮށްގެން ފެށި މި މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު މިވާރު މިވަނީ މިތަނުން ފުޑް ކޯޓެއްގައި ހުޅުވި ފުރަތަމަ ކެފޭއިން ޚިދުމަތްދޭން ފަށާފައެވެ. މި ކެފޭ ހުޅުވާފައިވަނީ އަމީނީ މަގާވީ ފަޅީގައެވެ.
ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ކެފޭއަށް ފަހު ދެން ހުރި ކެފޭތައް ހުޅުވުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ.
މާލޭ ހުޅަނގުދެކުނު ހާބަރު ސަރަޙައްދުގައި 26 ފުޑްކޯޓް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ތިރީސް މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ފުޑްކޯޓުތައް ކުއްޔަށް ދީފައިވަނީ އަކަފޫޓެއް ފަންސާސް ތިން ރުފިޔާއަށެވެ. ފުޑްކޯޓްތަކުގައި ހިމެނެނީ ބާރަސަތޭކަ ފަސްދޮޅަށް އަކަފޫޓާއި، ނުވަސަތޭކަ ފަސްދޮޅަސް އަކަފޫޓާއި، ފަސްދޮޅަސް އަކަފޫޓުގެ ކެފޭތަކެކެވެ.
އެސްޓީއޯއިންވަނީ ފުޑްކޯޓް ސަރަޙައްދަކީ ދުންފަތުގެ އިސްތިޢުމާލްކުރުން މަނާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެ ކުންފުނިން ބުނެފައިވަނީ އެ ސަރަޙައްދަކީ ސިނގިރޭޓްބުއިން މަނާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއީ ގިނަޢަދަދަކަށް އާއިލާތަކުން ޒިޔާރަތްކުރާ ސަރަހައްދަކަށް ވާނެތީއާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ސިއްޙީގޮތުން ބޮޑެތި ގެއްލުންތައް ކުރިމަތިމާ ކަމަކަށް ވުމުން ސިއްޙީގޮތުންނާއި އިޖުތިމާޢީގޮތުން ރައްކަތެރި މާހައުލަކަށް އެސަރަހައްދު ހެދުމަށް ކަމަށެވެ.