ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕް ފައިނަލްގައި ފޯކައިދޫއާއި ތިމަރަފުށި


އެސްޓިއޯ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުން ށ.ފޯކައިދޫއާއި ތ.ތިމަރަފުށި ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ފޯކައިދޫ ޖާގަ ހޯދީ އަމިއްލަ ރަށުގައި ފ.ނިލަންދޫއާ ވާދަކޮށް 2-0 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ފޯކައިދޫގެ ލަނޑުތައް ޖެހީ ދެވަނަ ހާފްގައެވެ. ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މުހަންމަދު ފާރިޝް އިބްރާހިމްއެވެ. ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ ނުވަދިހަ މިނިޓް ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ހުސެއިން ނިޝާންއެވެ.

މުބާރާތުގެ ފައިނަލުން ތިމަރަފުށި ޖާގަ ކަށަވަރު ކުރީ ފ.ނިލަންދޫގައި މިއަދު ކުޅުނު ސެމީފައިނަލު މެޗުގައި ބ.ފެހެންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗު ތިމަރަފުށިން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މެޗު ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ތިމަރަފުށިންނެވެ. ތިމަރަފުއްޓަށް މި ލަނޑު ކާމިޔާބުކޮއްދިނީ އަހުމަދު ތޯހިރުއެވެ. ފެހެންދޫއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާދަމް ނަސީމްއެވެ. ތިމަރަފުށި މެޗުން މޮޅުވި ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރުވަގުތު ތެރޭގައި ބިދޭސީ ކުޅުންތެރިޔާ ކޮއަރސީއެވެ.
މީއީ މިނިވަން ޗެމްޕިއަންޝިޕް ތަޢާރަފް ކުރިފަހުން ތިމަރަފުށިން ފައިނަލުގައި ކުޅޭ ދެވަނަ ފަހަރެވެ. އެޓީމުން ވަނީ 2016 ވަނަ އަހަރު ފައިނަލުގައި އޭދަފުށްޓާ ވާދަކޮށް ބަލިވެފައެވެ.
އެންމެ ފަހުން އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ފޯކައިދޫ ހޯދީ 2007 ވަނަ އަހަރުއެވެ.

މިއަހަރުވެސް މިނިވަންޗެމްޕިއަންޝިޕްގެ ފައިނަލު މެޗު ކުޅޭނީ މާލޭގައެވެ. ށ.ފޯކައިދޫއާއި ތ.ތިމަރަފުށި ވާދަކުރާ ފައިނަލު މެޗު އޮންނާނީ އަންނަ ބުރާސްފަތިދުވަހުގެރޭ ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ.