ޚަބަރު

މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އުމަރު ރިޔާސީރޭހަށް


ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ޖުމްހޫރީ ޕާޓީ ދޫކޮށް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާނެކަން ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ޢިއުލާންކުރައްވައިފިއެވެ.

މިހާރު އުވިފައިވާ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ކެންޑިޑޭޓެއްގެ ގޮތުގައި 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ޢާމުންގެ ތާޢީދު ނުލިބި ވަރަށްދަށް ނަތީޖާއެއް ލިބިވަޑައިގެންނެވި ޢުމަރު، އޭގެ ފަހުން ގުޅިވަޑައިގަތީ ކުރިން ރާއްޖޭގެ އެންމެބޮޑު އެއްޕާޓީގެގޮތުގައި އޮތް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އާއެވެ. އެޕާޓީގެ އެތެރޭގައި އުފެދުނު ދެބަސްވުންތަކުގެ މައްސަލަ ޙައްލުނުވެ އެޕާޓީ ދެބައިވެގެންދިޔަ ހިސާބުން އުމަރު ވަނީ އޭރު އަލަށް އުފެއްދި މިހާރު ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީ އަދި ވެރިކަންކުރާ މައިޕާޓީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.
ޕީޕީއެމްގައި ހުންނަވާ ޢުމަރު ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޕްރައިމަރީގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާ ވާދަކުރައްވާ ބޮޑު ތަފާތަކުން ބަލިވެވަޑައިގެންފައެވެ.

އޭގެފަހުން ޕީޕީއެމްގެ ލީޑަޝިޕާމެދު އުފެދުނު ދެބަސްވުމެއްގައި ޢުމަރު ކުރެއްވި ބައެއްކަންކަމުގެ ތެރޭގައި ޕާޓީގެ އަސާސީ ޤަވާޢިދާއި އުސޫލުތަކާ ޚިލާފުވެގެން އެޕާޓީންވަނީ އޭނާ ވަކިކޮށްފައެވެ. އެހެންނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޢުމަރުވަނީ އަނެއްކާވެސް ރައީސް ޔާމީނަށް ތާޢީދުކުރައްވައި ޕީޕީއެމްއާއެކު މަސައްކަތް ކުރައްވާފައެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމާއެކު އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރގެ މަޤާމް އަދާކުރައްވީ ޢުމަރެވެ. އަދި ޖުމްހޫރީ ޕާޓީ ސަރުކާރު ކޯލިޝަނުން ވަކިވި ހިސާބުން އުމަރު ވަނީ އެޕާޓީ ދޫކުރައްވާ އަނެއްކާވެސް ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. އޭގެ ދުވަސްތަކެއް ފަހުން އަނެއްކާވެސް ޢުމަރުވަނީ ޕީޕީއެމުން އިސްތިއުފާ ދެއްވާ ޖޭޕީއާ ގުޅިވަޑައިގެންފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ޢުމަރު ނަސީރު ވިދާޅުވެފައިވަނީ ޤާސިމް އިބްރާހީމަށް ވާދަނުކުރެވޭ ޙާލަތެއްގައި އެ ޕާޓީގެ ޓިކެޓު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ އަސާސީ ޤަވައިދު ބުނާ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެޕާޓީގެ ލީޑަރެވެ. އެހެންކަމުން އެ ފުރުސަތު ލިބޭނީ މިހާރު ޖަލު ހުކުމެއްގައި ހުންނެވި ގާސިމް އިބްރާހީމަށެވެ.

ޢުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތީ، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނުލިބުމާއި ގުޅިގެން މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރުމަށެވެ.

އިންތިޚާބު

މޮޔަ ބޮލަށް އަރައިގެން އުޅޭ ގޮލައެއް