ކުޅިވަރު

ޔޫވީ މޮޅުވާން ދަނިކޮށް، ފަހުވަގުތު ގްރީންއިން މުޙިންމު ޕޮއިންޓެއް ހޯދައިފި


ޔުނައިޓެޑް ވިކްޓަރީ މޮޅުވާން ދަނިކޮށް، ފަހުވަގުތު ގްރީންސްޓްރީޓްސްއިން ޔޫވީ ހިފަހައްޓާ މުޙިއްމު ޕޮއިންޓެއް ހޯދައިފިއެވެ.

އެސްޓިއޯ މާލެލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާއި، ގްރީން ސްޓްރީޓްސް ވާދަކުރި މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑު އެއްވަރުވެގެންނެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅެމުންދިޔަ ގްރީން ކޮޅަށް ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީން ޔޫވީންނެވެ. 11 ވަނަ މިނިޓްގައި ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ސެމިއުލްއެވެ. އޭނާ ލަނޑު ޖެހީ ގްރީން ޕެނަލްޓީ އޭރިޔާ އަރިމަތިން ޔޫވީގެ އާތޫރު ފޮނުވާލި ބޯޅަ ގޯލްގެތެރައަށް ފޮނުވާލައިގެންނެވެ. އޭގެ ކުރިން ޔޫވީ ޕެނެލްޓީ އޭރިޔާ ތެރެއިން ގްރީންގް ރަސެލް ބޯޅަހިފައިގެން ކުރިޔަށް ދާން އުޅުމުތެރޭގައި ޔޫވީގެ އަވީން ކުރި ފައުލަށް ރެފްރީ ޖާވިޒް ދިނީ ޖެހުމެކެވެ.
މެޗުގެ ދެވަނަހާފް ފަށައިގެން ގްރީން ވަރަށް ބޮޑަށް ކުރިއަށްޖެހިގެން ކުޅެމުންދިޔައެވެ. ޔޫވީންވެސް ދޭތެރެ ދޭތެރެއިން ގްރީންގެ ގޯލަށް އަމާޒުކޮށް ގިނަ ބޯޅަތަކެއް ފޮނުވާލިނަމަވެސް އެއްވެސް ފުރަސަތެއްގެ ބޭނުން ހިފޭގޮތެއްނުވިއެވެ. ފުރަތަމަހާފާ ހިލާފަށް ދެވަނަ ހާފްގައި ޔޫވީ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ފެނުނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ނުވަދިހަ މިނިޓްގެ ކުޅުން ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ދެވަނަ ރީނދޫ ކާނޑާއެކު ޔޫވީގެ އަވީންއަށް ރަތްކާޑު ދެއްކިއެވެ. އެވަގުތުކޮޅުގެ ތެރޭގައި ޔުނިޓެޑް ވިކްޓްރީން މޮޅުވާން ދިޔަ ދިއުމަށް ހުރަސް އަޅާ އަބުދުﷲ މިސްބާހު ނަތީޖާ ހަމަހަމަކޮށްދިނީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ތިންވަނަ މިނިޓްގައެވެ. މިސްބާހު ލަނޑު ޖެހީ ޕެނެލްޓީ އޭރިޔާ ބޭރުން ސޯބޯލް އިލިޔާ ފޮނުވާލި ބޯޅަ ޔޫވީ ކީޕަރު ތޮލާލް ދިފާއުކުރުމުން ލިބުނު ފުރުޞަތުގައި، ބޮލުންޖަހާ ގޯލަށް ވައްދާލައިގެންނެވެ.
މެޗަށްފަހު ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ އެންމެ ފަހުވަގުތުގެ ތެރޭގައި ލަނޑު ޖެހެނު ނަމަވެސް ނަތީޖާއާ ދޭތެރޭގައި ހިތްހަމަޖެހޭ ކަމަށް. ސުޒޭން ބުނީ ޕްރިމިއަރ ލީގަށް ކޮލިފައިވުމަށްޓަކައި މެޗުން ލިބުނީ މުހިންމި ޕޮއިންޓެއްކަމަށެވެ.

" ވަރަށް މުހިންމު ޕޮއިންޓެއް ލިބިގެންމިދިޔައީ. ނަތީޖާއާ ދޭތެރޭ ހިތްހަމަޖެހޭ " ސުޒޭން ބުންޏެވެ.

މެޗަށްފަހު ޔޫވީގެ ކޯޗު ނަޒީހު ބުނީ ލިބުނު ފުރުސަތަކުގެ ބޭނުން ނުކުރުވުމުން މިއަދު އެކަމުގެ އަދަބު ލިބިގެން ދިޔައީ ޔޫވީއަށްކަމަށެވެ. ބައިކޮޅަށް ފަހުވަގުތު ލަނޑެއް ވަނީ ކުޅުންތެރިންގެ ސަމާލުކަން ކުޑަވެގެންކަމަށް ނަޒީހު ބުންޏެވެ.

" ވަރަށް އާދައިގެ މިސްޓޭކެއް ކުޅުންތެރިން ހަދައިގެން ބައިކޮޅަށް ފަހުވުގުތަ ލަނޑެއް ވަދެގެންމިދަޔައީ. މިއީ ހަޤީގަތުގައި ކުޅުންތެރިންގެ ސަމާލުކަން ކުޑަވެގެން ވަތް ލަނޑެއް. މެޗެއްގެ މިހިސާބުން ކަންކުރަން ނޭންގޭވަރު ކުޅުންތެރިންނެއްނޫން ދަނޑަށް އަރާ ތިބީކީ."ނަޒީހު ބުންޏެވެ.

މެޗުން ލިބުނު ޕޮއިންޓާއެކު ގްރީން އޮތީ ނުވަ ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ. ހަތް ޕޮއިންޓާއެކު ޔޫވީ އޮތީ ތާވަލްގެ ހަތްވަނާގައެވެ.