ކުޅިވަރު

އަހުސަން ބަލިކޮށް ޝާޒް ޤައުމީ 8 ބޯލް ޗެމްޕިއަންކަން ހޯދައިފި


ޤައުމީ 8 ބޯލް ޗެންޕިއަންޝިޕްގެ ފިރިހެންބައިގެ ޗެންޕިއަންކަން ހަސަން ޝާޒް މުހައްމަދު އަދި އަންހެން ބައިގެ ޗެންޕިއަންކަން އާމިނަތު ފާތީ ހޯދައިފިއެވެ.

މިމުބާރާތުގެ ފިރިހެންބައިގެ ޗެންޕިއަންކަން ހަސަން ޝާޒް މުހައްމަދު ހޯދީ އަހުސަން ހާޝިމް އާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. މިބައިން ތިންވަނަ ހޯދީ ހުސެއިން ފަޔާޒެވެ. އަދި އެންމެ ގިނަ ރަން އައުޓް ހަދާފައިވަނީ ޗެންޕިއަންކަން ހޯދި ހަސަން ޝާޒް މުހައްމަދެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ޝަޒީން ސަމަދެވެ.

އަންހެންބައިގެ ޗެންޕިއަންކަން އާމިނަތު ފާތީ ހޯދީ އާމިނަތު އަޒްރާއާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. އެއީ ހަތް ފްރޭމް ހަތަރު ޕްރޭމުންނެވެ. ޤައުމީ 8 ބޯލް ޗެންޕިއަންޝިޕްގެ އަންހެންބައިގެ ތިންވަނަ ހޯދީ ދީނާ އަހުމަދެވެ.

ފައިނަލް މެޗުތަކަށްފަހު ޤައުމީ 8 ބޯލް ޗެމްޕިއަންޝިޕުގެ ވަނަވަނައަށް އައި ކުޅުންތެރިންގެ އިތުރުން އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ވަނަވަނައަށް އައި ކުޅުންތެރިންނަށްވެސްވަނީ ހަނދާނީ ލިޔުމާއި ޓްރޮފީ އަދި މެޑަލް ހަވާލުކޮށްފައެވެ.

6 ވަނަ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ސިންގަލްސް ޗެންޕިއަންކަން ހޯދީ އެމްޕީއެލްގެ އަބްދުލް އަފީފެވެ. ދެވަނަ ހޯދީ ރައީސް އޮފީހުގެ އަހުމަދު ނައުފަލެވެ. އަދި ތިންވަނަ ހޯދީ އެމްއެމްޑީއެފްގެ ފަތުހުﷲ ޖަމީލެވެ.

ޓީމް އިވެންޓްގެ ޗެންޕިއަންކަން ހޯދީ އެމްއެންޑީއެފެވެ. ދެވަނަ ހޯދީ ވިލާ އެއާއެވެ. އަދި ތިންވަނަ ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ.

މިފަހަރުގެ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓްގައި އަންހެން ކުޅުންތެރިން ބައިވެރިވެފައިވާތީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން އެކުޅުންތެރިންނަށް ވަނީ ސެޓްފިކެޓް ދީފައެވެ.