ކުޅިވަރު

ނިއުރޭޑިއަންޓްގައި ކޮލިޓީ އެބަހުރި، ޓީމް އޮތީ ތައްޔާރަށް: އޮސްކާ


ކާމިޔާބު ހޯދަން ބޭނުންވާ ހުރިހާ ކޮލިޓީއެއް ނިއުރޭޑިއަންޓްގައި އެބަހުރިކަމަށް ކޯޗު އޮސްކާ ބުރްޒޯން ބުނެފިއެވެ.

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕުގެ ފަހު މެޗަށް ނިކުތުމުގެ ކުރިން މިއަދު އިންދިރާ ގާންދީ އެތުލެޓިކޯ ސްޓޭޑިއަމްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން އޮސްކާ ބުނީ ނިއުރޭޑިއަންޓުން ތަވާލުގައި ކުރީގައި އޮތީ އެހެންޓީމްތައް ވަރުގަދަކަމަށް ދެކިގެން އެޓީމުތަކާ ދެކޮޅަށް ނިކުތުމުންކަމަށެވެ. ނިއުގެ ކޯޗު އޮސްކާ ބުނީ ހުރިހާ ކުޅުންތެރިންވެސް، ޓީމުވެސް އޮތީ މެޗަށް ރަނގަޅަށް ތައްޔާރުވެފަކަމަށެވެ.

އައިޒޯލް ޓީމަށް އިޝާރަތް ކުރަމުން އޮސްކާ ބުނީ އެޓީމަކީ ބަލި ޓީމެއްކަމަށް ޤަބޫލްނުކުރާ ކަމަށާއި، ތިންޕޮއިންޓާއެކު މުބާރާތް ނިންމާލަން އެޓީމުންވެސް ބޭނުންނުވާނެކަމަށެވެ. އޮސްކާ ބުނީ ނިއުރޭޑިއަންޓަކީ ވަކި ސްޓައިލަކަށް ކުޅޭ ވަކި ގޮތަކަށް ގޭމް ކޮންޓްރޯލުކުރަން މަސައްކަތް ކުރާ ޓީމެއްކަމަށާއި، ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދަން ފަށައިގަތުކަމަކީ އެއީކަމަށެވެ. އޮސްކާ ބުނީ މާދަމާގެ މެޗަކީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށާއި އެކަމަށް ކުޅުންތެރިން މަސައްކަތް ކުރާނެކަމަށެވެ.

" އަހަންނަށް އިނގޭ އައިޒޯލް ޓީމަށް ސީޒަން ނިމިއްޖެކަން، އެމީހުން ބޭނުންވާނެ މުބާރާތް ނިންމާލަން ތިން ޕޮއިންޓާއެކު، މެޗު އުނދަގޫވާނެ،" މެޗުގެ ކުރިން އޮސްކާ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމަގައި ނިއިރޭޑިއަންޓުގެ ވައިސްކެޕްޓަން އަކުރަމް އަބްދުލް ޣަނީ ބުނީ މޫސުން ރާއްޖެއާއި ވަކިތަފާތެއް ނެތްކަމަށާއި، ކުޅުންތެރިން ތިބީ މާދަމާގެ މެޗު ކާމިޔާބުކޮށް، އެހެން ހަރުފަތަކަށް ފުޓްބޯޅަ ގެންދިއުމުގެ އަޒުމުގައި ކަމަށެވެ.

" ކޯޗު ފާހަގަކުރި ގޮތަށް ހުރިހާ ކުޅުންތެރިން ވެސް ތިބީ މެޗު ކާމިޔާބުކުރުމުގެ އަޒުމުގައި. އިންޝާﷲ އަހަރެމެން މާދަމާ މެޗުން މޮޅުވާނަން." އަކްރަމް ބުންޏެވެ.

ނިއުރޭޑިއަންޓު އެންމެފަހުން މުބާރާތުގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދިޔައީ 2013 ވަނަ އަހަރުއެވެ. އިންޑިޔާގެ އައިޒޯލް އެފްސީ އާއި ނިއުރޭޑިއަންޓު ވާދަކުރާ މެޗު ފަށާނީ މާދަމާ ރާއްޖެގަޑިން އިރުއޮއްސި ހަގަޑި ފަނަރައިގައެވެ.