ކުޅިވަރު

އައިޒޯލް އަތުން ލިބުނީ ނަސީބުދެރަ ބައްޔެއް - އޮސްކާ


ޕެނަލްޓީ ލިބުނު ހިސާބުން މެޗު ގެއްލިގެން ހިނގައްޖެކަމަށާއި، ނިއުރޭޑިއަންޓަށް ލިބުނީ ނަސީބުދެރަ ބައްޔެއްކަމަށް އެޓީމުގެ ކޯޗު އޮސްކާ ބްރުޒޯން ބުނެފިއެވެ.

މެޗަށް ނިކުންއިރު މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ހުރިހާ އެޑްވާންޓޭޖް ލިބިފައި އޮތް ނިއުރޭޑިއަންޓުގެ ކޯޗު އޮސްކާ ބުނީ މުޅި މެޗުގައި އައިޒޯލްގެ ފަރާތުން ފެނިގެންދިޔައީ މޮޅުކުޅުމެއް ކަމަށާއި، އިޒޯލް ޓީމުގެ ޑިފެންސްލައިނަށް ކުޅުންތެރިން އިތުރު ކުރުމުން ލަނޑުޖަހަން އުނދަގޫވިކަމަށެވެ. މެޗު ގެއްލިގެން ދިޔައީ ޕެނެލްޓީ ލިބުނު ހިސާބުންތޯ ޕީއެސްއެމް ސްޕޯޓްސްއިން ސުވާލުކުރުމުން އޮސްކާ ވަނީ އެކަމަށް ތާއިދުކޮށް ވާހަކަދައްކާފައެވެ. އޭނާ ބުނީ ޕެނެލްޓީ ލިބުނު ހިސާބުން ޓީމް ކުޅެމުން އައި ވައްޓަފާޅިއަށް ވަރަށް ބޮޑުތަން ބަދަލުއައިކަމަށާއި، ކުޅުންތެރިންނަށް އެވަގުތު އެހާރަނގަޅު ސަމާލުކަމެއް ނުދެވުނުކަމަށެވެ. އޭނާ ބުނީ ނިއުރޭޑިއަންޓުން ޖެހި ލަނޑާއެކު އަލުން އަނބުރާ ގޭމްތެރެއަށް ވަންނަން މަސައްކަތް ކުރިމަށާއި، އެކަމަށް އެހީވާން ނިއުރޭޑިއަންޓުގެ ނަސީބުވެސް ނެތީކަމަށެވެ.

" ކުޅުންތެރިން ކުރި ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ ފުޓްބޯޅަ ހަމަ ނިސީބު ދެރަ ބައްޔެއް މިވީ. އެނބުރި އޭއެފްސީ ކަޕަށް އަންނަން މަސައްކަތް ކުރާނަން." މެޗަށްފަހު އޮސްކާ ބުންޏެވެ.

ނިއުގެ ކޯޗު އޮސްކާ ބުނީ އިންޑިޔާގެ ފުޓްބޯޅަ ކުރިއަރައިގެން ގޮސްފިކަމަށާއި، މިނަތިޖާއިންވެސް އެކަން ވަރަށް ބޮޑަށް ފާހަގަވެގެން ހިނގައްޖެކަމަށެވެ. އައިޒޯލް މެޗަށް ނިކުތީ ނިއުރޭޑިއަންޓުގެ ހުއްޓުވަން ކުރާނެ ހުރިހާ މަސައްކަތެއް ރާވައިގެން ކަމަށާއި، ދަނޑުމަތީގައި އެމީހުން އެކަން ކުރިކަމަށް މެޗުން ބަލިވުމުން ފެންކަޅިވެފަ އިން ކޯޗު ބުންޏެވެ.

މިގުރޫޕުން މުބާރާތު ދެވަނަ ބުރަށް ދިޔައީ ބަނގަލަދޭޝްގެ އަބަހާނީއާ ވާދަކޮށް ފަހު މެޗުން މޮޅުވި ބެންގަލޫރު އެފްސީއެވެ.