ކުޅިވަރު

ތިބީ 14 ކުޅުންތެރިން، ޓީމް ބައްޓަން ކުރަން ޖެހެނީ އާގޮތަކަށް - ކިސް


މެޗަށް ނުކުންނައިރު މުޅިން އާގޮތަކަށް ޓީމް ބައްޓަންކުރަން ޖެހުން އެއީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް ވިކްޓަރީގެ ކޯޗު ލާސްލޯ ކިސް ބުނެފިއެވެ.

އެސްޓިއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި މިރޭ ކުލަބް ގްރީންސްޓްރީޓްސްއާ ދެކޮޅަށް ނިކުތުމުގެ ކުރިން ވާހަދައްކަމުން ކިސް ބުނީ މިރޭގެ މެޗަކީ މުހިންމު މެޗެއްކަމަށާއި، ގްރީން އަކީ ރަނގަޅު ފުޓްބޯޅައެއް ކުޅޭ މޮޅު ޓީމެއްކަމަށެވެ. އޭނާ ބުނީ މެޗަށް ނިކުންނައިރު އޭނާގެ ޓީމަށް ދިމާވެފަ އޮތް މައްސަލައަކީ އަނިޔާގެ މައްސަލަކަމަށެވެ. މިމެޗަށް އޭނާއަށް ވިކްޓަރީން ނެގެން އޮތީ ސާދަ ކުޅުންތެރިން ކަމަށާއި، ސާދަ ކުޅުންތެރިންނާއެކު އޭނާ މުޅިން އާ ގޭމް ޕްލޭނަކަށް މަސައްކަތް ކުރަންޖެހިފަވާކަމަށެވެ.
ކިސް ބުނީ މައްސަލަތައް ކިތަންމެ ގިނަޔަސް އޭނާ އެކަމާ އެހާބޮޑަށް ހާސްނުވާކަމަށާއި، ވިކްޓްރީ މެޗު ކާމިޔާބުކުރާނީ ދަނޑުމަތީގައި ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށެވެ. ކިސް ބުނީ އޭނާގެ އަމާޒަކީ މާލޭ ލީގުގެ ގަދަ ހަޔަކުން ފުރުސަތު ހޯދައިދިނުންކަމަށާއި، އެކަން ހާސިލްކުރަން ކުޅުންތެރިން ގަދައަޅައި މަސައްކަތް ކުރާތަން އޭނާއަށް ފެންނަ ކަމަށެވެ.

މިސީޒަންގައި ވިކްޓަރީއަށް ގެނައި ބްރެޒިލްގެ ފޯވާޑް ޕެޑްރޯ މިސީޒަން ދެން ވިކްޓްރީގެ ޖަރޒީގައި ނުފެނިދާނެކަމަށްވެސް ކިސް ބުންޏެވެ. މެޗު ކުރިއަށް އޮތްވާ އަމިއްލަ ސަބަބާކާ ހުރެ ކުޅުންތެރިޔާ ތައިލެންޑަށް ހިނގައްޖެ ކަމަށާއި، މީއީ ކުޅުންތެރިންގެ ފަރާތުން އޭނާ ދެކެން ބޭނުންވާކަންތައްތަކެއް ނޫންކަމަށް ކިސް ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެޑްރޯ ފުރައިގެން ދިޔައީ މިޔަންމާ ޓީމެއްގެ ޓްރެއިލްއަށެވެ.

" އާ ޓެކްޓިސްތަކެއް ބޭނުންކުރަން ޖެހުމުން މިއީ ހަޤީގަތުގައި މައްސަލައެއް. އަނިޔާގެ ސަބަބުން ތިން ކުޅުންތެރިން މިމެޗުގައި ނުފެންނާނެ. އެންމެ ސާދަ ކުޅުންތެރިން މިވަގުތު މެޗަކަށް ތައްޔާރުވެފަ މިއޮތީ. އެހެންނަމެވެސް ބުރަކޮށް މަސައްކަތް ކޮށްގެން މޮޅުވާނަން." މެޗުގެ ކުރިން ރޭ އޮތް ޕްރެކްޓިސްއަށްފަހު ކިސް ބުންޏެވެ.

މާލެ ލީގުގެ ފުރަތަ ބުރުގައި މިދެޓީމް ވާދަކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކުރީ ވިކްޓަރީއެވެ.