ކުޅިވަރު

ގްރީންއަށް ވިކްޓްރީ ހުއްޓުވާނެ - ސުޒޭން


ވިކްޓްރީ ސްޕޯރޓްސް ކުލަބާ ދެކޮޅަށް ނިކުންނަ މެޗަކީ ވަރަށް ބޮޑު އަދި މުހިންމު މެޗެއްކަމަށް ގްރީންސްޓްރީސްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

އެސްޓިއޯ މާލޭ ލީގުގައި މިރޭ ވިކްޓަރީއާ ވާދަކުރަންޖެހޭ މެޗާ ގުޅޭގޮތުން އެޓީމްގެ ކުރީގެ ކޯޗު އަލީ ސުޒޭން ބުނީ މިމެޗަކީ މޮޅުވާން މުހިންމު މެޗެއްކަމަށާއި، ހުރިހާ ވިސްނުމެއް ހުރީ މޮޅުވުމަކަށެވެ. ސުޒޭން ބުނީ ގްރީން އޮތީ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރަށްކަމަށެވެ. އޭނާ ބުނީ ގްރީން ގަދަ ހަޔަކަށް އެރުމަށް އޮތް ފުރުސަތު އަދި އެހާ އުނދަގޫ ނޫންކަމަށާއި، އެހެންނަމެވެސް މިހާރު ގަދަހައެއްގެ ރޭހުގައި ދެ ޓީމު އޮތުމުން އެއީ ވިސްނަންޖެހޭ ކަމެއްކަމަށެވެ.
ކުރިން ވިކްޓަރީއަށް ކުޅެ، ކޯޗުކަން ކޮށްދީފައިވާ ސުޒޭން ބުނީ ވިކްޓަރީ ފޯމުގައި އޮތްނަމެވެސް ހުއްޓުވޭނެ ހުރިހާ ބާރެއް ގްރީންގައިވެސް އެބަހުރިކަމަށެވެ. އެގޮތުން ގްރީންގައި ވެސް ތިބީ ވަކި ދެރަ ކުޅުންތެރިން ނޫންކަމަށް ސުޒޭން ބުންޏެވެ. އެހެންނަމެވެސް ވިކްޓަރީ ފޯމުގައި އޮއްވާ އެޓީމު ބަލިކުރަން އުނދަގޫވާނެކަންވެސް ސުޒޭން ފާހަގަކުރިއެވެ. އެހެންނަމެވެސް މެޗަށް ނުކުންނަނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން ކަމަށް ސުޒޭން ބުންޏެވެ.

" ގަދަ ހަޔަކަށް ވަނުން އަދި އެހޭ އުނދަގުލެއް ނޫންކަންނޭގޭ. އެހެންނަމެވެސް މިހާރު ގްރީން ޔޫވީގެ ރޭހަކަށްވެފަ މިއޮތީ، އެހެންވީމަ ހިއެއް ނުވޭ ފަސޭހަވާނެހެން." ސުޒޭން ބުންޏެވެ.

މެޗާ ކުރިމަތިލާއިރު ވިކްޓަރީ އޮތީ ފަނަރަ ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. ގްރީން އަށް ހަވަނަ ލިބެނީ ނުވަ ޕޮއިންޓާއެކުއެވެ.