އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ޕްރޮގްރާމް "އެއްލަކިން މަށަށް ލައިސަންސް" މި ހަފުތާގެ ބަންދުގައި ބާއްވަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ. އެއޮތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވީ މި ޕްރޮގްރާމް އޮންނާނީ މިމަހުގެ 25، 26 އަދި 28 ގައި ކަމަށާއި ލައިސަންސް ހަވާލުކުރާނީ ޕްރޮގްރާމު އޮންނަ ކޮންމެ ރެއެއްގެ ރޭ 12 ޖަހާއިރު ބާއްވާ ރަސްމިއްޔާތެއްގައެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ވަކި ފޯމެއް ހުށަހަޅައިގެން ފޯރމް ހުށަހަޅާ ތަރުތީބުން ބައިވެރިންނަށް ފުރުސަތުދޭ ގޮތަށްކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ.
މި ޕްރޮގްރާމު ކުރިޔަށްދާނީ ރޭގަނޑު ނުވައަކުން ބާރައަށް ކަމަށާއި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތަކުން ހުށައަޅާ ފޯމްތައް ބަލައިގަތުން އޮންނަނީ ރޭގަނޑު ނުވައަކުން އެގާރަގަޑި ބަޔަށްކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ. އަދި މިފޯމްތަކުގައި ޖަހަން ބޭނުންވާ ފޮޓޮއާއި، ސްޓޭމްޕާއި އައިޑީކާޑްގެ ފޮޓޯ ކޮޕީ އާއި ފައިސާ ބަލައިގަތުމުގެ އިންތިޒާމްވެސް ހުރަވީ ބިލްޑިންގްގައި ހަމަޖައްސަވާފައިވާކަމަށްވެސް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.
"އެއްލަކިން މަށަށް ލައިސަންސް" މި ޕްރޮގްރާމްވެސް ކުރިޔަށްދާނީ ކުރިންވެސް ލައިސެންސް ދޫކުރުމުގައި ހަދަންޖެހޭ ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓާއި އެކުއެވެ. ދިވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ސައިކަލްގެ ލައިސެންސްގެ އިތުރުން ކާރާއި ޕިކަޕްގެ ލައިސެންސްވެސް ލިބޭނޭކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ. އެއްދުވަހުން ލައިސެންސް ލިބޭ މި ޕްރޮގްރާމް މާލޭގެ އިތުރުން ހުޅުމާލެއާއި ބޮޑެތި އާބާދީ އޮންނަ ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ވިސްނާފައިވާކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.