ކުޅިވަރު

ނަތީޖާއިން ދައްކައިދެނީ ނިއުރޭޑިއަންޓް މޮޅުވާން ބޭނުންވާ މިންވަރު - އޮސްކާ


މެޗުގެ ނަތިޖާއިން ސާބިތުކޮއްދެނީ ކުޅުންތެރިން މޮޅުވާން ބޭނުންވެފައިއޮތް މިންވަރުކަމަށް ނިއުގެ ކޯޗު އޮސްކާ ބުރޫޒޯން ބުނެފިއެވެ.

އެސްޓިއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ކުލަބް އީގަލްސްއާ ވާދަކޮށް 4-1 ލަނޑުން މޮޅުވި މެޗަށްފަހު އޮސްކާ ބުނީ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ނިއުރޭޑިއަންޓުން ގޭމް ކޮންޓްރޯލްކޮށް ކުޅެންފެށިކަމަށެވެ. އެންމެފަހުން ނިއުއާ ދެކޮޅަށް ކުޅުނު މެޗުގައި ޑިފެންސިވް ކުޅުމެއް ކުޅުނަސް ރޭގެ މެޗުގައި އީގަލްސްގެ ފަރާތުން ފެނިގެންދިޔައީ އެއަށްވުރެ އޯޕަން ފުޓްބޯޅައެއްކަމަށާއި، ފުރުތަމަ މިނިޓުން ފެށިގެން ކައުންޓަރ އެޓޭކުގައި ނިއުގެ ގޯލަށް ނުރައްކާ ކުރަން އެޓީމުން މަސައްކަތް ކުރިކަން އޮސްކާ ފާހަގަކުރިއެވެ.
އޭނާ ބުނީ އީގަލްސްއަށް އެކަން ކާމިޔާބުނުވީ ކުޅުންތެރިންނަށް މެޗުގެ މުހިންމުކަން ވިސްނައިދީފަ އޮތުމުންކަމަށެވެ. އޭނާ ބުނީ މިހާރު ބޭނުންވަނީ ކުރިއަށް އޮތް ވެލެންސިޔާ މެޗު ކާމިޔާބުކޮށް، ލީގު ތަށި އުފުލާލަން ކަމަށާއި، ދިވެހި ޕްރިމިއަރ ލީގަށް ދާން ބޭނުންވަނީ ފުރިހަމަ ބާރާ ޔަޤީންކަމާއެކު ކަމަށެވެ.

" ފުރަތަމަ މިނިޓުން ފެށިގެން އަހަރަމެންގެ ބާރުގެ ދަށަށް ގޭމް ގެނެވުނު، އެއީ ކުޅުންތެރިން މޮޅުވާން ބޭނުންވެފަތިބި މިންވަރު. މިއީ ޓީމުގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ފާހަގަކުރެވުނު މެޗެއް. އަދިވެސް ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި." އޮސްކާ ބުންޏެވެ.

ރޭ ހޯދި މޮޅާއެކު ނިއުރޭޑިއަންޓް ތާވަލުގެ އެއްވަނައިގަ އޮތީ ކުޅުނު އެގާރަ މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.