ކުޅިވަރު

މަސައްކަތްކުރީ އާ ފޯމޭޝަނަކަށް، އެކަމަކު ކާމިޔާބެއްނުވި - ނިމާ


މެޗުގެ ކުރީކޮޅު ގާތްގާތުގައި ލަނޑުތަކެއް ބައިކޮޅަށް ވަނީ އާ ފޯމޭޝަނަކަށް މަސައްކަތް ކުރުމުން ކަމަށް ކުލަބް އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދު ބުނެފިއެވެ.

އެސްޓިއޯ މާލޭ ލީގުގައި ނިއުއާ ދެކޮޅަށް ކުޅެ ބަލިވި މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނިމާ ބުނީ ނިއުރޭޑިއަންޓުން މެޗު ފެށީވެސް ވަރަށް ރަނގަޅަށްކަމަށާއި، އެހެންވުމުގެ ސަބަބުން އީގަލްސްއަށް ގޭމް ތެރެއަށް ވަންނަން އުނދަގޫތަކެއް ދިމާވިކަމަށެވެ. ނިމާ ބުނީ އާ ފޯމޭޝަނާއެކު ޓީމަށް އެހާގިނަ ޕްރެކްޓިސްތަކެއް ނުކުރެވޭ ކަމަށާއި، އަދި ރޭގެ މެޗުގައި އެންމެ ރަނގަޅަށް އާފޯމޭޝަން މަސައްކަތްވެސް ނުކުރިކަމަށެވެ.
ނިމާ ވަނީ ރެފްރީގެ ނިންމުންތަކާ މެދުވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. މިކަހަލަ މެޗުތަކުގައި ރެފްރީ ހަދާ ގޯސްތަކުގެ ސަބަބުން ފަހަތުން އަރާ ނަތީޖާއެއް ހޯދުމަކީ އީގަލްސް ކަހަލަ ޓީމަކަށް އެހާ ފަސޭހަކަމެއް ނޫންކަމަށް ކޯޗު މުޙައްމަދު ޝިޔާޒު ބެންޗުން ފޮނުވާލުމުން ޕްރެސްއަށް އައި އެސިސްޓެންޓް ކޯޗު ނިމާ ބުންޏެވެ.

" ފުރަތަމަ ފަށައިގެން ވެސް ނިއުރޭޑިއަންޓުން ކުޅުނީ ވަރަށް ޕްރެސިންގ ގޭމެއް، އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އާ ފޯމޭޝަނަކަށް ތައްޔާރުވެގެން މެޗަށް ނުކުތުން، ދެން އޭތި ވޯކެއް ނުކުރި މިރޭ." ނިމާ ބުންޏެވެ.

ރޭގެ މެޗުގައި ވި ބައްޔާއެކު އީގަލްސް ވަނީ ލީގު ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައެވެ. އީގަލްސްއަށް ކުޅުނު 11 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.