މީޑިއާގެ ދާއިރާއިން މި ސަރަޙައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި ކިޔަވައިދޭ ތަނަކަށް ދިވެހިރާއްޖެ ހެދުމަކީ ޕަބްލިކް ސާވިސް މީޑިއާގެ އަމާޒެއް ކަމަށް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
އިކްރާމް މިހެން ވިދާޅުވީ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން އިންތިޒާމްކޮށްގެން ފުލުހުންނަށް ހިންގި މީޑިއާ ކޯހުގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
އިކްރާމް ވިދާޅުވީ، އެމްއެމްއައި ގުޅިފައިވަނީ މީޑިއާގެ ދާއިރާއިން މިސަރަޙައްދުގައި އެންމެ ފުޅާދާއިރާއެއްގައި ކިޔަވައިދޭ ޔުނިވަރސިޓީއާ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެ ޔުނިވަރސިޓީއާއި ގުޅިގެން ތަފާތު އެކި ފެންވަރުގެ އެކި ލެވެލްތަކުގެ ކޯސްތައް މިހާރުވެސް ހިންގުމަށް ރާވާފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްއެމްއައި ތަރައްޤީ ކުރެވިގެންދާނީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭގައި ރާއްޖެއިން ބޭރުން ކުދިން އައިސް ކިޔަވާނެ ތަނެއްގެ ގޮތުގައި ކަމަށް އިކްރާމް ވިދާޅުވިއެވެ. އެގޮތުން އެވަރުގެ ކޯސްތައް ހިންގާނެ ހިތްވަރާއި، ވިސްނުމާއި ޤާބިލުކަންވެސް އެ އިންސްޓިޓިއުޓުގައި އެބަހުރިކަމަށް އިކްރާމް ވިދާޅުވިއެވެ.
"މިއަދު ދުނިޔޭގައި އަޅުގަނޑުމެންނަށް ހުޅުވިގެންދިޔަ މީޑިއާގެ ވަސީލަތްތަކުގެ ތެރެއިން އަޅުގަނޑުމެންގެ ކުދިންނަށް މިހުރިހާ ވަސީލަތްތަކެއް ދީފައި އެބަ ކިޔަވާދޭންޖެހޭ. އަމިއްލަ ޤައުމާމެދު ފަހުރުވެރިވުން. އަމިއްލަ ޤައުމު އިޝްތިހާރުކުރުން. އަމިއްލަ ޤައުމަށް ފައިސާ ލިބޭނެ ތަނަވަސްކަން ލިބޭނެ މަގުތައް، އެގޮތުން ފަތުރުވެރިކަމާ ކަންކަން ތަނަވަސްކުރުން. މިކަންކަން ކުރެވޭނީވެސް އަޅުގަނޑު ދަންނަވާނީ މީޑިއާ ކޮންމެ ދަރިވަރަކަށްވެސް ކިޔަވައިދީގެން. އެހެންވީމަ މިއަދު ކޮންމެ މީހަކީ މީޑިއާގެ ތެރޭގައި އުޅޭ މީހެއް. ކޮންމެ މީހަކީ މީޑިއާގެ ވަށައިގެން އުޅޭ މީހެއް ކަމަށް ވާންޖެހޭ،" އިކްރާމް ވިދާޅުވިއެވެ.
މީޑިއާގެ މުހިންމު ކަމާއި މީޑިއާތަކުގެ ޒިންމާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވީ، ޚަބަރު ފެތުރުމުގައި އަނެކުންނާ ކުރިމަތިލައި މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ފެތުރުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ތެދު ޚަބަރު ފެތުރުމާއި ރަނގަޅު ވާހަކަ ފެތުރުމަކީ އިސްލާމީ މުޖުތަމައެއްގައި ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް ކަމަށް އިކްރާމް ވިދާޅުވިއެވެ.