ޚަބަރު

އެމްއެމްއައި އާއި ގުޅިގެން ފުލުހުން އަބަދުވެސް ތަމްރީނުތައް ފުރިހަމަކުރުމުން ގެންދާނަން: ޝިފާން


ފުލުހުންގެ ޚަބަރާއި އެކިކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ ތަޖުރިބާ ހޯދުމަށް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓާއި ގުޅިގެން އަބަދުވެސް މަސައްކަތްކުރާނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް އޮފް އޮފީސް އޮފް ދި ކޮމިޝަނަރ ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ފުލުހުންނަށް ހިންގި މީޑިއާ ކޯހުގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަ ދައްކަވަމުން ޝިފާން ވިދާޅުވީ، އެމްއެމްއައި އާއި މެލޭޝިޔާގެ ލިމްކޮކްވިންގ ޔުނިވާސިޓީ ގުޅިގެން ހިންގާ މީޑިއާ އާ ގުޅުންހުރި އެ ދާއިރާތަކުގެ ކޯސްތަކާއި ތަފާތު އެހެން ކޯސްތަކުގައި އަބަދުވެސް ފުލުހުން ބައިވެރިވާނެކަމަށެވެ.

ޝިފާން ވިދާޅުވީ އެމްއެމްއައިއިން ކުރު މުއްތަކަށް ފުލުހުންނަށް ހިންގި މީޑިއާ ކޯހުގެ ޒަރީއާއިން ފުލުހުންނަށް ގިނަ މަޢުލޫމާތާއި ތަމުރީނު ލިބިގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދެބައި މީހުންނަކީވެސް ވަރަށް ގާތްކޮށް އެއް މަގްސަދެއްގައި މަސައްކަތްކުރާ ބައެއް. ޚާއްސަކޮށް އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ޕީއެސްއެމްގެ މަގްސަދަކަށްވެފައި އޮންނަނީ ރައްޔިތުންނަށް ރަނގަޅު ހަބަރު އެންމެ އެކަށީގެންވާ ވަގުތުގައި ފޯރުކޮށްދިނުން. އެހެންވީމަ އެކަމުގެ އެންމެ ބޮޑު މަގްސަދަކަށް ވެފައި އޮންނަނީ އަމާންކަމާއި ހިތްހަމަޖެހޭ މާހައުލެއް ރައްޔިތުންނަށް ފޯރުކޮށްދީފައި އޮތުން. ދިވެހި ފުލުހުން އަބަދުވެސް މަސައްކަތްކުރަމުން މިދަނީ މި މަގްސަދާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް." ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، ޕީއެސްއެމްއާއި ފުލުހުންނަކީ ވަރަށް ގާތްކޮށް އެކުވެރިކަމާއެކު ޤައުމަށް ވަރަށް ބޭނުންތެރި ގިނަ މަސައްކަތެއް ކުރަމުން އަންނަ ދެފަރާތް ކަމަށެވެ. އެގޮތުން މީޑިއާގެ ދާއިރާއިން ފުލުހުން ތަމްރީނުކުރުމަށް ޕީއެސްއެމްއިން ކޮށްދީފައިވަނީ ވަރަށް އަގުހުރި މަސައްކަތެއްކަމަށް ޝިފާން ވިދާޅުވިއެވެ. އޭނާ ވަނީ އެމްއެމްއައި އިން އިންތިޒާމްކޮށްގެން ފުލުހުންނަށް މިފަދަ ކޯހެއް ހިންގައިދީފައިވާތީ ޕީއެސްއެމްގެ ގަވަނިންގ ބޯޑަށް ޝުކުރު އަދާކޮށްފައެވެ.