ޚަބަރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޤަވާއިދާ ޚިލާފަށް ބާއްވާނަމަ ހުއްޓުވައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ


ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ޤަވާއިދާ ޚިލާފަށް ބާއްވާނަމަ ހުއްޓުވައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން ހޯމް މިނިސްޓްރީއާއި ފުލުހުންގެ ކިބައިން އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި އެކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވީ ހޯމް މިނިސްޓްރީއާއި ފުލުހުންގެ ކިބައިން މިގޮތަށް އެދިފައިވާނީ އެމްޑީޕީން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާނީ ޤާނޫނާ އެއްގޮތަށްކަމަށްބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ލިއުމާއިއެކުގައިކަމަށެވެ.

އަކްރަމް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނީ ޤާނޫނާއި އެއްގޮތަށް ކަމަށް ޤަބޫލުކުރާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވައިފިނަމަ އެމްޑީޕީ އުވާލަން ހައިކޯޓަށް ހުށަހަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ.

އެމްޑީޕީއަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ ރައީސް ނަޝީދަކީ 13 އަހަރުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވާ ބޭފުޅެއް ކަމަށާއި ހައިކޯޓުންނާއި ކްރިމިނަލް ކޯޓުން ވެސް އެޙުކުމަށް ތާއިދު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ ކިބައިން ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ޝަރުތު އުނިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޕެރޯލްގެ ޤާނޫނުގެ ދަށުން ވެސް ރައީސް ނަޝީދަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސިޓީގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކުރިމަތިލުމުގެ ފުރުސަތު ދިނުމާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ގެއްލިފައިވާ ބޭފުޅަކަށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫނު އަސާސީ އާއި ޤާނޫނޫނާއި ހިލާފު ކަމަކަށް ވާތީ މިފަދަ ކަމެއް އެމްޑީޕީ އިން ކޮށްފިނަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ 31 ވަނަ މާއްދާއާއި 49 ވަނަ މާއްދާގެ ދަށުން އެމްޑީޕީ އާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމެރީ ކުރިއަށްގެންދާނީ ޤާނޫނާ ޤަވާއިދާއެއްގޮތަށްކަމަށް އެޕާޓީން ބުނިނަމަވެސް، އެޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކޮށްފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. އަދި ނަޝީދަކީ ޓެރަރިޒަމްގެ ކުށް ސާބިތުވެ ޙުކުމް ތަންފީޛް ކުރަމުންދާ ކުށްވެރިއެއްކަމުން، ރައީސުލްޖުމްހޫރިޔާކަމުގެ މަޤާމަށް ވާދަކުރުމުގެ ފުރުޞަތު ނަޝީދަށް ވަނީ ގެއްލިފައެވެ.