ޚަބަރު

300 އަށްވުރެ ގިނަ ކަނބަލުންނަށް ލޯން ލިބޭނެ - އިކޮނަމިކް މިނިސްޓްރީ


ކަނބަލުންނަށް ޚާއްސަކޮށްގެން ހުޅުވާލި ލޯން ސްކީމުން 300 އަށް ވުރެ ގިނަ ކަނަބަލުންނަށް ލޯން ލިބިގެންދާނެކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނަމިކް މިނިސްޓްރީން މި ލޯންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކަނބަލުންގެ ބޮޑު ތަރުޙީބެއް ލިބިގެން ދިޔަކަމަށާއި މިގޮތުން 500 އަށް ވުރެ ގިނަ ފޯމްތައް ލިބިފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެފޯމްތައް އިވެލުއޭޓް ކުރުމަށްފަހު މިހާރު ބީއެމްއެލްއަށް ފޮނުވާފައިވާކަމަށްވެސް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ. މީގެ އިތުރުން މި ލޯން ލިބުނު ފަރާތްތައްކަށް މި މަހުގެތެރޭގައި ފައިސާ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ.

ކަނބަލުންނަށް ޚާއްސަކޮށްގެން އިކޮނަމިކް މިނިސްޓްރީން ކުރިއަށްގެންދާ މި ލޯނު ސްކީމަކީ ރާއްޖޭގައި އަމިއްލަ މަސައްކަތެއް ފަށަން ބޭނުންވާ ކަނބަލުންނަށް ޚާއްޞަ ކޮށްގެން ހުޅުވާލި ލޯން ސްކީމެކެވެ.
މި ސްކީމްގައި އަލަށް ފަށަން ބޭނުންވާ ވިޔަފާރިތަކާއި ރަޖިސްޓްރީކޮށް ހިނގަމުން އަންނަ ވިޔަފާރިތަކަށްވެސް ބައިވެރިވެވެއެވެ.

މި ލޯން ސުކީމުގައި ފަންސާސްހާސް ރުފިޔާއިން ފެށިގެން ދެލައްކަ ރުފިޔާއާ ހަމަޔަށް ލޯން ދޫކުރުމަށް ވަނީ ނިންމާފައެއެވެ. އަދި މިލޯނަށް ހުށައަޅާއިރު 15 ޕަސެންޓުގެ އިކުއިޓީ ބަހައްޓަންޖެހެއެވެ.
ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ކުރިޔަށް ގެންދާ މި ލޯނު ސްކީމުގެ ޖުމްލަ ޢަދަދަކީ ވިހި މިލިޔަން ސާޅިސް ހަހާސް ރުފިޔާއެވެ. ލޯންގެ އިންޓްރެސްޓް ރޭޓްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ނުވަ ޕަސެންޓެވެ.