ކުޅިވަރު

މާޒިޔާ އަތުންވެސް ގްރީން ޕޮއިންޓް ހޯދައިފި


މާޒިޔާ މޮޅުވިޔަނުދީ ގްރީންސްޓްރީޓްސްއިން ހިފަހައްޓައިފިއެވެ.

އެސްޓިއޯ މާލޭ ލީގުގައި ރޭ މާޒިޔާއާއި ގްރީން ވާދަކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ގްރީންއިންނެވެ. މެޗުގެ 14 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން ގްރީންއަށް ކުރި ހޯދައިދިނީ ރަސަލް ބިލާލާއެވެ. ގްރީންގެ ލަނޑަށްފަހު މާޒިޔާއިން ކުޅުން ރަނގަޅުކޮށް ގްރީންގެ ގޯލަށް ނުރައްކާކުރިއެވެ. އެގޮތުން މާޒިޔާގެ ކުރިޔަށް ކުޅެމުންދިޔަ ކުޅުންތެރިންނަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަހާފް ނިމުމުގެ ކުރިން މާޒިޔާ ލަނޑެއް ޖަހާ ނަތިޖާ ހަމަހަމަ ކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ސްޓެވާޓް ކޯނޭއެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން މާޒިޔާގެ އެޓޭކްތައް ވަރުގަދަކޮށް ގްރީންގެ ގޯލަށް ގިނަ ހަމަލާތެކެއް ފޮނުވާލިއެވެ. މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ލިބުނު ހުސްފުރުސަތު އޭނާ އަތުން ވަނީ ނާކާމިޔާބުވެފައެވެ. މުޅިން ހުސްކޮށްހުރެ ޕެނިލްޓީއޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. ގިނަ ފުރުޞަތުތަކެއް ނާކާމިޔާބުވުމަށްފަހު 59 ވަނަ މިނިޓްގައި ކޯނޭ ދެވަނަ ލަނޑެއް ޖަހާ މާޒިޔާއަށް ކުރި ހޯދައިދިނެވެ. ގްރީންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ ފަހު ދިހަ މިނިޓްގެ ތެރޭގައި އައްސަދު އަލީއެވެ.

މެޗުން ލިބުނު ޕޮއިންޓާއެކު މާޒިޔާ އޮތީ އެކާވީސް ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މެޗުން ހޯދި ޕޮއިންޓާއެކު ދިވެހި ޕްރިމިއަރ ޕްރިމިއަރ ލީގަށް ކޮލިފައިވުމަށް ގްރީން އޮތީ އަމިއްލަ ބާރާއެކުއެވެ. މިވަގުތު ތާވަލްގެ ހަ ވަނައިގަ ގްރީން އޮތީ 14 ޕޮއިންޓާއެކުއެވެ. އެއީ ހަތް ވަނައިގަ އޮތް ޔޫވީއަށް ވުރެ 7 ޕޮއިންޓު އިތުރަށް ހޯދައިގެންނެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު އިސްމާއިލް މަހުފޫޒް ( އިންމަ) ބުނީ މެޗަށް ނިކުތީ ތިން ޕޮއިންޓް ހޯދަންކަމަށާއި، އެކަން ހާސިލްނުވުމުން ހިތްހަމަނުޖެހޭކަމަށެވެ. މާޒިޔާއަށް މިއަށްވުރެން ރަނގަޅަށް ކުޅޭވޭނެކަން ފާހަގަކުރަމުން އިންމަ ބުނީ ފުރުސަތު ލިބި ގިނަ ބޯޅަތައް ބޭކާރުގޮތުގައި ބޭނުން ކުރުމުން ހިތްހަމަނުޖެހޭކަމަށެވެ.

" ލިބުނު ފުރުސަތާ މިހުރިހާ ކަމަކާ ބަލާއިރު މާޒިޔާގެ ކުޅުން ހިތްހަމައެއް ނުޖެހޭ. މެޗަށް ނިކުތީ މޮޅުވާން، އެކަމަކު އެކަމެއް ހާސިލެއްނުވި." އިންމަ ބުންޏެވެ.

މެޗަށްފަހު ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ ގަދަ ހަޔަކަށް ދިޔުމުގެ ވާހަކަ މުޅިން ނިމިއްޖެކަމަށާއި، ދެން ގްރީން އަށް ގަދަހައެށްގެ ފުރުސަތު ގެއްލޭނީ ބާކީ އޮތް ދެ މެޗުން ގްރީން ބަލިވެގެންކަމަށެވެ. އަދި އެއީވެސް އެހާތަނަށް ހާލަތަށް ބަލާފަކަމަށެވެ. ސުޒޭން ބުނީ މެޗުގެ ފަހުކޮޅު ގްރީންގެ ކުޅުންތެރިން ދެއްކި ހިތްވަރަށް އިނާމެއް ހައްޤުކަމަށެވެ.

" ވަރަށް ހިތްވަރު ކޮއްފި، މެޗުގެ ފަހުކޮޅު ގްރީންގެ ކުޅުންތެރިން. ގްރީންގެ ކުޅުންތެރިން ކުރި ހިތްވަރަށް ހަމަ އިނާމެއް ހައްޤު." ސުޒޭން ބުންޏެވެ.