ކުޑަކުދިންގެ ހިތްތަކުގައި ދީނީކަންކަމަށް ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ރަމަޟާންމަހު އެކުދިންގެ ހިތްތަކުގައި ރޯދަހިފުމުގެ އާދަ އަށަގެންނުވުމަކީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ތުއްތުކުދިންގެ ހިތްތަކުގައި ދީނީ އާދަތައް އަށަގަންނުވާއިރު، ދީނުގައި އޮންނަ ލުއިކަން އިހުސާސްވާފަދަގޮތަކަށް މިކަންކުރުން މުހިންމުކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
އިސްލާމްދީނުގެ ރީތި އާދަކާދަ ކުޑަކުދިންގެ މެދުގައި އަށަގެންނެވުމަށް މަސައްކަތްކުރުން އެއީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމްކަމެކެވެ. ކުއްޖާއަށް އެންމެ ތުއްތުއިރުއްސުރެންވެސް އިސްލާމް ދީނުގެ ރުކުންތައް ދަސްކޮށްދިނުމަކީ ދީނީ ކަންކަން ދަމަހައްޓައި، ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި އުފެއްދުމަށްޓަކައި ކުރުން މުހިންމުކަމެކެވެ.
ދިވެހިންގެ މެދުގައިވެސް ދީނުގެ އެކި ކަންކަން ވަރަށް ތުއްތުއިރުސުރެން ދަރިންނަށް ދަނީ ދަސްކޮށްދެމުންނެވެ. މިގޮތުން ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާއި ރޯދަހިފުމުގެ އާދަ ތުއްތު ކުދިންގެ ކިބާގައި އަށަގެންނެވުމަށް ކުރާ މަސައްކަތުގައި ދީނުގައި އޮންނަ ލުއިފަސޭހަ ކަމުގެ އިޙްސާސް ކުދިންނަށް ކުރެވޭނެހެން މިކަންތައް ކުރުން މުހިންމުކަމަށް އައްޝައިޚް އަޙްމަދު މައުމޫނު ވިދާޅުވިއެވެ.
"މިސާލަކަށް ހަ އަހަރު ހަތް އަހަރުގެ ކުއްޖެއްނަމަ ހަފްތާއަކު ދެދުވަހު ނުވަތަ ތިން ދުވަހު ރޯދައަށް ބެހެއްޓުން ރަގަނޅުވާނެ. އެހެންނަމަވެސް އެވަރުގެ ތުއްތުކުއްޖަކު ކޮންމެ ދުވަހަކު ރޯދައަށް ބަހައްޓައިފިނަމަ އެކުއްޖާއަށް ކުރިމަތިވާ ވަރަށް ބޮޑު ތަކުލީފެއްގެ ގޮތުގައި ވެގެންދާނެ. އެހެންވެއްޖެއްޔާ އަޅުގަނޑުމެންގެ ދީނުގައި އޮންނަ ލުއިކަމުގެ އިހުސާސް އެކުއްޖާއަށް ނުކުރެވޭނެ. ބުރަކަމުގެ އިހުސާސް ކުރެވޭނީ." ޝައިޚް އަޙްމަދު މައުމޫނު ވިދާޅުވިއެވެ.
އައްޝައިޚް އަޙްމަދު މައުމޫނު ވިދާޅުވީ ކުދިންނަށް ދީނުގައި ކުރުން ލާޒިމް ކަންކަމަށް ބާރު އަޅާއިރު އަނިޔާކުރުމާއި އެކުދިންނަށް އިހާނެތި ގޮތްގޮތް ހެދުމަކީ އޮންނަކަމެއް ނޫންކަމަށެވެ. ނަމަވެސް ދީނީ ކަންކަން ކުރުމަށް ކުދިންނަށް އެހެން ގޮތްގޮތުން ބާރުއަޅަންވާނެކަމަށް އޭނާ ވިދަޅުވިއެވެ.
ކޮންމެއަކަސް މުސްލިމް މުޖުތަމައެއް ތަރައްޤީވާނީ އެތަނުގައި އުޅޭ މީހުންގެ މެދުގައި ދީނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ރީތި ސިފަތައް އަށަގަންނުވައިގެނެވެ. މިގޮތުން މިކަންކުރުމުގެ އެންމެ ފުރަތަމަ ފިޔަވަޅުއެޅޭނީ ކުރިއަށް އޮތް ޖީލްތަކަށް ދީނީ ކަންކަމާއި، ރަގަނޅު އާދަތައް ދަސްކޮށްދީގެންނެވެ.
ރޯދަހިފުމާއި، ޤުރުއާން ކިޔެވުން އަދި ދީނާ ގުޅުން ހުރި ރުކުންތަކުގެ މުހިންމުކަން ދަރިންނާ ހަމަޔަށް ވާސިލްކޮށްދިނުމުން އެކަންތައްތައް ދެމިއޮތުމުގެ ފުރުޞަތު ބޮޑުވާނެއެވެ.