ޚަބަރު

"ހިޔާ" ފްލެޓްތަކަށް އެދޭ ފޯމް ބަލައިގަންނަ ކިއު ނަންބަރު ދޫކުރާނީ "ކިއުބީ" މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް- ހައުސިން މިނިސްޓްރީ


ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވެހިކަމުގެ ބިޔަ މަޝްރޫޢު "ހިޔާ"ގެ ފްލެޓްތަކަށްއެދި ހުށަހަޅާ ފޯމްތައް މާދަމާ ހެނދުނު ދިހައެއްޖަހާއިރު ބަލައިގަންނަން ފަށާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ފޯމް ހުށަހެޅުމުގެ ކަންކަން ފަސޭހަ ކުރުމުގެ ގޮތުން، ފޯމް ބަލައިގަތުމަށް ދޫކުރާ ކިއު ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ "ކިއުބީ" މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްކަމަށެވެ.

މާދަމާ ހެނދުނު ދިހައެއްޖަހާއިރު "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށްކިއު ނަންބަރު ދޫކުރަން ފަށާއިރު، މި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކިއު ނަންބަރު ނުނެގޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ދަރުބާރުގޭގައި 21 ކައުންޓަރު ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އެންމެ ބާރުބޮޑު 4 ކެޓަގަރީއަށް ޚާއްސަކޮށްގެން ކޮންމެ ކެޓަގަރީއަކަށް 3 ކައުންޓަރު ހުންނާނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި މާދަމާއިން ފެށިގެން އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ޕީއެސްއެން ނިއުސްއަށް މަޢުލޫމާތުދެމުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަޙްމަދު ފަޒާލް ވިދާޅުވީ ފޯމް ބަލައިގަތުމުގެ އިންތިޒާމް "ކިއުބީ" މެދުވެރިކޮށް ހަމަޖެއްސީ ރައްޔިތުންނަށް ކިޔުގައި ނުޖެހި ފާސޭހަކަމާއެކު ފޯމް ހުށައެޅުމުގެ ފުރުޞަތު ހޯދައިދިނުމަށްކަމަށެވެ. އަދި ފޯނުން ކިއު ނަންބަރު ނެގުމަށް ދަތިވާ ފަރާތްތަކަށް ދަރުބާރުގެއިންވެސް އެ ސިސްޓަމްގެ ތެރެއިން ކިއުނަންބަރު ލިބިގެންދާނެކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ރަމަޟާންމަހު ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 10:30 ން 1:00 އަށް އަދި ރޭގަނޑު 9:00 ން 11:00 އަށް ފޯމްތައް ބަލައިގަންނާނެކަމަށެވެ.

ރާއްޖޭގެ ތާރީޚުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ" މަޝްރޫޢުގެ ފްލެޓްތަކަށް ފޯމް ދޫރަން ފަށާފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މެއި މަހުގެ ނިޔަލަށް ދަރުބާރުގެއިން 40،000 އަށްވުރެ ގިނަ ފޯމު ދޫކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އޮންލައިންކޮށްވެސް ގިނަ ޢަދަދެއްގެ ފޯމު ޑައުންލޯޑްކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓްތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
ހިޔާ މަޝްރޫއުގެ ދަށުން 1 ލައްކައަށްވުރެ ގިނަ މީހުންންގެ އާބާދީއަކަށް ގެދޮރުވެރިކަން ޔަޤީންވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.