ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވެހިކަމުގެ ބިޔަ މަޝްރޫޢު "ހިޔާ"ގެ ފްލެޓްތަކަށްއެދި ހުށަހަޅާ ފޯމްތައް ބަލައިގަންނަން ފަށައިފިއެވެ.
ފޯމް ހުށަހެޅުމުގެ ކަންކަން ފަސޭހަ ކުރުމުގެ ގޮތުން، ހައުސިންގ މިނިސްޓްރީން ވަނީ ފޯމް ބަލައިގަތުމަށް ދޫކުރާ ކިއު ނަންބަރު ދޫކުރާގޮތަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ފޯމް ބަލައިގަތުމަށް ދޫކުރާ ކިއު ނަންބަރު ދޫކުރަމުންދަނީ "ކިއުބީ" މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
ދިހައެއްޖެހިއިރު "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށްކިއު ނަންބަރު ދޫކުރަން ފަށާފައިވާއިރު، މި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކިއު ނަންބަރު ނުނެގޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ދަރުބާރުގޭގައި 21 ކައުންޓަރު ބަހައްޓާފައިވާއިރު އެންމެ ބާރުބޮޑު 4 ކެޓަގަރީއަށް ޚާއްސަކޮށްގެން ކޮންމެ ކެޓަގަރީއަކަށް 3 ކައުންޓަރުވެސް ބަހައްޓާފައިވެއެވެ. މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ޕީއެސްއެން ނިއުސްއަށް މަޢުލޫމާތުދެމުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަޙްމަދު ފަޒާލް ވިދާޅުވީ ފޯމް ބަލައިގަތުމުގެ އިންތިޒާމް "ކިއުބީ" މެދުވެރިކޮށް ހަމަޖެއްސީ ރައްޔިތުންނަށް ކިޔުގައި ނުޖެހި ފާސޭހަކަމާއެކު ފޯމް ހުށައެޅުމުގެ ފުރުޞަތު ހޯދައިދިނުމަށްކަމަށެވެ. އަދި ފޯނުން ކިއު ނަންބަރު ނެގުމަށް ދަތިވާ ފަރާތްތަކަށް ދަރުބާރުގެއިންވެސް އެ ސިސްޓަމްގެ ތެރެއިން ކިއުނަންބަރު ލިބިގެންދާނެކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ ރަމަޟާންމަހު ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 10:30 ން 1:00 އަށް އަދި ރޭގަނޑު 9:00 ން 11:00 އަށް ފޯމްތައް ބަލައިގަންނާނެކަމަށެވެ.
ރާއްޖޭގެ ތާރީޚުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ" މަޝްރޫޢުގެ ފްލެޓްތަކަށް ފޯމް ދޫރަން ފަށާފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު ދަރުބާރުގޭގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މެއި މަހުގެ ނިޔަލަށް ދަރުބާރުގެއިން 40،000 އަށްވުރެ ގިނަ ފޯމު ދޫކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނޭ. މީގެ އިތުރުން އޮންލައިންކޮށްވެސް ގިނަ ޢަދަދެއްގެ ފޯމު ޑައުންލޯޑްކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓްތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
ހިޔާ މަޝްރޫއުގެ ދަށުން 1 ލައްކައަށްވުރެ ގިނަ މީހުންންގެ އާބާދީއަކަށް ގެދޮރުވެރިކަން ޔަޤީންވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.