ޚަބަރު

ކުޅުދުއްފުށީ އެއަރޕޯޓް އަޅަން ހިއްކި ސަރަޙައްދުގައި ޖަހާފައިވާ ރިވެޓްމެންޓް އުސްކުރަނީ


ކުޅުދުއްފުށީ އެއަރޕޯޓް އަޅަން ހިއްކި ސަރަހައްދުގައި ޖަހާފައިވާ 1.6 މީޓަރު އުސް ރިވެޓްމެންޓް، 2.6 މީޓަރަށް އުސްކުރުމަށް ރީޖަނަލް އެއަރޕޯޓްސްއާ މަޝްވަރާކުރަމުންދާ ކަމަށް އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

އެމް.ޓީ.ސީ.ސީން މިކަން ހާމަކޮށްފައިވަނީ ކުޅުދުއްފުށި އެއަރޕޯޓް މަޝްރޫޢަށް އެރަށު ފަޅުން ހިއްކާފައިވާ 6 ހެކްޓަރު ގެ ސަރަހައްދުގައި ޖަހާފައިވާ ރިވެޓްމަންޓްގެ ބަޔަކަށް، ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކާއި ގުޅިގެން އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް ޕީ.އެސް.އެމް ނިއުސްއާ ހިއްސާ ކުރައްވަމުންނެވެ.

ކުޅުދުއްފުށީ އެއަރޕޯޓް އަޅާ ސަރަހައްދުގެ ބިން ހިއްކުމާއި، ރަންވޭގެ މަސައްކަތް ހަވާލުކޮށްފައިވާ އެމް.ޓީ.ސީ.ސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ، އެސަރަހައްދުގައި ރިވެޓްމެންޓް ޖެހީ ރީޖަނަލް އެއަރޕޯޓްސް އިން ދެއްވި ޑިޒައިންނާ އެއްގޮތަށްކަމަށެވެ. ނަމަވެސް އެންމެ ފަހުން ރާއްޖެއަށް ކުރި ވިއްސާރާގައި ވައިގަދަވެ ރިވެޓްމަންޓް ހިމެނޭ ސަރަހައްދުގައި ބާނި ބޮޑުވުމުގެ ސަބަބުން އެތަނުގައި އޮތް ހިލަތޮށީގެ ބައެއް ސަރަހައްދުތަކަށް ގެއްލުންތައް ލިބުނުކަމަށެވެ. ޙުޝާމް ވިދާޅުވީ، އެސަރަހައްދުގެ މޫސުންގޯސްވާ ދުވަސްވަރު ލިބިދާނެ ގެއްލުމަކަށް ބަލައި ރިވެޓްމެންޓް އުސްކުރުމަށް މަޝްވަރާ ކުރަމުން އަންނަކަމަށެވެ. އަދި މިމަސައްކަތް އެއަރޕޯޓްގެ މަސައްކަތާއެކު ކުރިއަށްދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިފަހަރު އެންމެ ފަހުން މިއެރި އުދައާއި، ކަނޑު ގަދަވުމުގެ ތެރޭގައި ރިވެޓްމެންޓްގެ ހިސާބުތަކަށް އެބަހުރި ގެއްލުންތަކެއް ލިބިފައި. އެހެންވީމަ އަޅުގަނޑުމެން މިހާރު ރީޖަނަލްއާ ވާހަކަދައްކަމުން މިދަނީ 1.6 އިން 2.6 އަށް ރިވެޓްމެންޓް އުސްކުރަން. އެހެންވީމަ ކުރިއަށް މިފެށޭ ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރިވެޓްމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެރިވެޓްމަންޓް މިހާރު މިއޮތް ވެދަރކަންޑިޝަންތަކާ ގުޅޭގޮތަށް އަޅުގަނޑުމެން ބަދަލުކުރާނަން" ހުޝާމް ވިދާޅުވިއެވެ.

އެންމެ ފަހުން ރާއްޖެއަށް ކުރި ވިއްސާރާގައި ކުޅުދުއްފުށީ އުތުރު ފަރާތުގައި ޖަހާފައިވާ ރިވެޓްމެންޓުގެ ގާތްގަނޑަކަށް 300 ފޫޓަށް ގެއްލުން ލިބިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
ކުޅުދުއްފުށީގައި ތަރައްޤީކުރާ އެއަރޕޯޓްގައި 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމަށް ނިންމާފައިވާއިރު، އެއަރޕޯޓް ތަރައްޤީކުރުމަށް ކުޅުދުއްފުށީގެ ފަޅުންނާއި އެރަށުގެ ކުޅިން ބައެއްވަނީ ހިއްކައި ރިވެޓްމެންޓް ޖަހާފައެވެ.