ޚަބަރު

ސިޓީތައް ތަރައްޤީވެގެން އަންނައިރު ބައިސްކަލް ދުއްވަން ޚާއްސަ ލޭންތައް މަގުތަކުގައި ހުންނާނެ - މިނިސްޓަރ ޠާރިޤު


ހުޅުމާލެއާއި ރާއްޖޭގެ އެހެންސިޓީތައް ތަރައްޤީވެގެން އަންނައިރު ބައިސްކަލް ދުއްވުމަށް ޚާއްސަ އިންތިޒާމްތަކެއް މަގުތަކުގައި ހަމަޖެހިގެންދާނެމަަށް އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ބައިސްކަލް ދުވަސް ފާހަގަކުރުމަށް ބޭއްވި ބައިސްކަލްބުރު ފެށުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ފުރަތަމަ ބައިސްކަލް ދުވަހުގެ މުނާސަބަތުގައި ބައިކް މޯލްޑިވްސް އާއި އެންވަޔަރަންމަންޓް މިނިސްޓްރީ ގުޅިގެން މާލޭގައި ވަނީ ޚާއްސަ ބައިސްކަލް ބުރެއް ބާއްވާފައެވެ.
ރަސްފަންނު ސަރަޙައްދުން ފެށިގެން މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ބޭއްވި މި ބައިސްކަލް ބުރު ފެށުމުގެ ކުރިން ބައިސްކަލްބުރުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމް ވިދާޅުވީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބައިސްކަލް ދުއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ބައިސްކަލް ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމަށް އދ.ގެ ޖެނަރަލް އެސެމްބްލީން ފާސްކުރި ކުރުމަކީ މިކަމަށް އިތުރު ހިތްވަރުލިބޭ ކަމެއް ކަމަށެވެ.

ތުރުކުމަނިސްތާނުގެ ހުށައެޅުމާކާއެއްގޮތަށް ދުނިޔޭގެ ބައިސްކަލް ދުވަހެއް ފާހަގަކުރަން އދ.އިން ފާސްކުރުމުގައި ރާއްޖެއިން ތާޢީދުކުރިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ބައިކް މޯލްޑިވްސްގެ އިސްނެންގެވުމާއެކު ރާއްޖޭގައި، ޚާއްސަކޮށް މާލޭގައި ބައިސްކަލްދުއްވުމުގެ ޙަރަކާތް އިތުރުވަމުން އަންނައިރު ވެރިރަށް މާލެ ތަރައްޤީވެފައިވާގޮތުން މާލޭގައި ބައިސްކަލް ދުއްވުމަކީ މިހާރު އެހާ ފަސޭހަކަމަކަށް ނުވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މާލޭގެ އަވަށްތަކާއި ރާއްޖޭގެ އެހެން ރަށްތައް ތަރައްޤީކުރާނީ މަގުތަކުގައި ބައިސްކަލް ދުއްވުމަށް ޚާއްސަ ލޭނުތަކަކާއެކުގައި ކަމަށް ވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

ބައިކް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ހުސައިން ދީދީ ވިދާޅުވީ، ބައިސްކަލަކީ ތިމާވެއްޓާ ރައްޓެހި އުޅަނދެއްކަމަށްވާއިރު ވަރަށް ގިނަ ޤައުމުތަކުގައި ބައިސްކަލް ދުއްވުމުގެ ރޫޙު މިހާރު އާލާވަމުން އަންނަކަމަށެވެ. މިއާއެކު، ބައިކް މޯލްޑިވްސްއިންވެސް މަސައްކަތްކުރަނީ ވީހާވެސް ގިނަ ބަޔަކު މިކަމަށް އަހުލުވެރިކޮށް ބައިސްކަލް ދުއްވާ މީހުންގެ ޢަދަދު އިތުރުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ބައިސްކަލް ބުރުގައި ބައިވެރިވި ފަރާތްތަކުންވަނީ އެކި އުމުރުފުރައެއްގެ މީހުން ބައިސްކަލް ދުއްވުމުގެ މުހިއްމުކަން ފާހަގަކޮށްފައެވެ. އޭގެ ސަބަބުން ސިއްޙީ ގޮތުންނާއި މާލީގޮތުންވެސް ފައިދާކުރާނެކަން އެފަރާތްތަކުން ފާހަގަކުރެއެވެ.

ދުނިޔޭގެ ބައިސްކަލް ދުވަހެއް ފާހަގަކުރަން އދ.ގެ އާންމު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ ތެރޭގައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ބޭއްވި ޙަރަކާތުގެ ތެރެއިންވަނީ ރާއްޖޭގައި ބައިސްކަލް ދުއްވުމުގެ ރޫޙު އާލާކުރުމަށް މަސައްކަތްކުރެއްވި އަލްމަރްޙޫމް ޒާހިރު ނަސީރުގެ ހަނދާނުގައި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގި މަގުމަތީގެ ތަފާތު އެކު އެކްސިޑެންޓްތަކުގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައެވެ.