ކުޅިވަރު

އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ކަށަވަރުކޮށްފި


އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ކަށަވަރުކޮށްފިއެވެ.

ބާކީ ދެ މެޗު އޮއްވާ ލީގު ޗެމްޕިއަންކަން ނިއުރޭޑިއަންޓް ކަށަވަރުކުރީ ރޭ ކްލަބް ވެލެންސިޔާ ކޮޅަށް ކެޕްޓަން އަލީއަޝްފާގު( ދަނގަޑޭ)ގެ ހެޓްރިކާއެކު 5-0 ން މެޗު ކާމިޔާބުކޮށްގެންނެވެ. ޕޮއިންޓެއް ހޯދައިގެންވެސް ލީގު ކަށަވަރުވާން އޮތް މެޗުގައި ނިއުގެ ފަސް ލަނޑުވެސް ޖެހީ ދެވަނަ ހާފްގައެވެ. އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން ފުރަތަމަ އެގާރައިގަ ކުޅެމުން އަންނަ ގިނަ ކުޅުންތެރިން ނުލައި ކުޅުނު ނިއުރޭޑިއަންޓަށް ފުރަތަމަ ލަނޑު ކާމިޔާބުކޮއްދިނީ އަލީ ފާސިރު ނަގައިދިން ކޯނަރަކުން ބިދޭސީ ޑިފެންޑަރ ގޯތޯއެވެ.
މެޗުގައި ނިއުއިން ޖެހި ގޯލްތައް ދެން ފެނިގެން ދިޔައީ ފަހު ދިހަ މިނިޓުގެ ތެރޭގައެވެ. ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ އަލީ ފާސިރު ދިން ބޯޅައަކުން އަލީ އަޝްފާގެވެ. ނިއުއިން ޖެހި ތިންވަނަ ލަނޑަކީ ފާސިރު ފޮނުވާލި ބޯޅަ ވެލެންސިޔާގެ ޑިފެންޑަރ މުހަންމަދު ޝިފާން ފައިގަ ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގައި އަޝްފާގެ ދެވަނަ ގޯލަކީ ލިބުނު ޕެނެލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ އަޝްފާގު އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ ނުވަދިހަ ވަނަ މިނިޓްގައި ލިބުނު ބޯޅައެއް ގޯލްތެރެއަށް ވައްދާލައިގެންނެވެ.

މިމޮޅާއެކު ނިއުރޭޑިއަންޓުން ލީގު ޗެމްޕިއަންކަން ހޯދީ ކުޅުނު 12 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ކުލަބް ވެލެންސިޔާއިން އަދި ލީގުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުވެފަ ނުވާއިރު ކުޅުނު 12 މެޗުން އެޓީމަށް ލިބިފަވަނީ އެންމެ ޕޮއިންޓެކެވެ. ރޭގެ މެޗަކީ ނިއު މިސީޒަންގައި އެންމެ ގިނަ ބަދަލުތަކާއެކު ނިކުއިން މެޗެވެ. ކަންޑޭލާއާއި، އަކްރަމް އަބުދުލްޣަނީއާއި، ހަމްޒާ މުޙައްމަދާއި، ކީޕަރު އިމްރާނާއި، އަމީރީ ވެސް މެޗުގައި ކުޅެފައެއް ނުވެއެވެ.

ލީގު ޗެމްޕިއަން ލިބުމާއެކު ނިއުގެ މިހާރުގެ ކޯޗު އޮސްކާގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ހުރިހާ މުބާރާތްތަކެއް ނިއުރޭޑިއަންޓް ވަނީ ކާމިޔާބުކޮށްފައެވެ. މިދިޔަ ސީޒަންގައި ނިއުއަށް ގެއްލުނު ހަމައެކަނި މުބާރާތަކީ އެސްޓީއޯ މާލޭ ލީގެވެ.