ކުޅިވަރު

މިއީ ފަސޭހަ ކާމިޔާބީއެއްނޫން، ނިއުއާއެކު އިތުރު ތަށިތައް ހޯދަން ބޭނުން: އޮސްކާ


އެސްޓިއޯ މާލޭ ލީގު ކާމިޔާބުކުރެވުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަމަށާއި، ނިއުރޭޑިއަންޓާއެކު އިތުރު ތަށިތަކެއް ހޯދަން ބޭނުންވާކަމަށް އެޓީމުގެ ކޯޗު އޮސްކާ ބުރުޒޮން ބުނެފިއެވެ.

ނިއުރޭޑިއަންޓަށް މާލޭ ލިގު ޗެމްޕިއަންކަން ހޯދައިދިނުމަށްފަހު އޮސްކާ ބުނީ މިއީ ކާމިޔާބީގެ އުފާފާޅުކުރަންވީ ވަގުތުކަމަށާއި، ލިބުނު ކާމިޔާބާއެކު ނިއުރޭޑިއަންޓަކީ ވަރުގަދަ ކުލަބެއްކަން ސާބިތުކޮއްދޭން ޖެހޭކަމަށެވެ. ނިއުއަށް ހަތަރުވަނަ ތަށި ހޯދައިދިނުމަށްފަހު އޮސްކާ ބުނީ ލީގުގައި މެޗަކަށްފަހު މެޗެއްގައި ކުޅުންތެރިން ހޯދި ކުރިއެރުން ފާހަގަކުރާކަމަށެވެ.
އޮސްކާ ބުނީ ކާމިޔާބީގެ ސިއްރަކީ ވަކިތަފާތު ކަމެއް ނޫންކަމަށާއި، މިއީ ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ހޯދުނު ކާމިޔާބީއެއްކަމަށެވެ. އެގޮތުން ޓީމުގެ ކޯޗިން ސްޓާފުން ފެށިގެން މެނޭޖްމެންޓާއި ކުޅުންތެރިން ކުރި ބުރަ މަސައްކަތް އޮސްކާ ވަނީ ފާހަގަކޮށްފައެވެ. މިސީޒަންގައި ފުރަތަމަ ތަށި ނިއުރޭޑަންޓަށް ހޯދައިދިނުމަށްފަހު އޮސްކާ ބުނީ ވިދިވިދިގެން ހަތަރު ތަށި ހޯދުން އެއީ އޭނާއަށްވެސް ހާއްސަ ކާމިޔާބީއެއްކަމަށާއި، ކާމިޔާބީގެ ފަހަތުގައި ނިއުރޭޑިއަންޓްގެ ސްކޮޑުގައި ތިބި ކުޅުންތެރިންގެ ކޮލިޓީ ވަރަށް މުހިންމު ދައުރެއް އަދާކުރިކަމަށެވެ.

" އަހަރެން ހަނދާންވޭ މީގެ އެއް އަހަރު ކުރިން ނިއުގެ ޗެއާރމަން އަހަންނަށް ގުޅާފަ ކުލަބަށް އަންނަ އެދުނު ވަގުތު. އަހަންނާ ހަވާލުކުރީ ނިއުރޭޑިއަންޓްގެ ސްޓައިލު ބަދަލުކޮށް، ކާމިޔާބު ކުލަބަކަށް ހެދުމުގެ މަސައްކަތް. މިއީ އެންމެންގެ މަސައްކަތުން ހޯދުނު ކާމިޔާބެއް." ލީގު ކަށަވަރުކުރި މެޗަށްފަހު އޮސްކާ ބުންޏެވެ.

އޮސްކާ ވަނީ ނިއުރޭޑިއަންޓާއި މިދިޔަ އަހަރު ހަވާލުވެ ދިވެހި ޕްރިމިއަރ ލީގާއި އެފްއޭކަޕުގެ އިތުރު ޤައުމީ މުބާރާތް ވެސް ކާމިޔާބުކޮށްދީފައެވެ.