ޚަބަރު

އިންޑިއާއަށް އެތެރެވުން މަނާކޮށްފައިވާނަމަ އެކަން ރާއްޖެއަށް އެނގެންޖެހޭ - ނިހާން


ދިވެހިންގެ ތެރެއިން ބަޔަކު އިންޑިއާއަށް އެތެރެވުން މަނާކުރާ ގޮތްތަކެއް އެޤައުމުން ކަނޑައަޅާފައިވާނަމަ، އެކަން ރާއްޖެއަށް އެނގެންޖެހޭކަމަށް ޕީޕީ.އެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ، ވިލިމާލެދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ ހޯމަ ދުވަހު އިންޑިއާގެ ޗެއްނާއީއަށް ބޭސްފަރުވާއަކަށް ނިހާން ވަޑައިގަތުމުން އެއަރޕޯޓުން އޭނާއަށް ޗެއްނާއީ އަށް އެތެރެވިޔަ ނުދީ ހިފެހެއްޓުމާއި ގުޅިގެން އެކަމުގެ މައުލޫމާތު ނޫސްވެރިންނާއި ޙިއްސާކުރަމުންނެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ނިހާން ވިދާޅުވީ، އޭނާ ޗެއްނާއިއަށް ވަޑައިގަތީ މަޖިލިސް މެންބަރެއްގެ ޙައިސިއްޔަތުން ލިބިފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓްގައި ކަމަށާއި، އެދަތުރުކުރީ ޗެއްނާއީގެ ލީމާ ހޮސްޕިޓަލުން ބޭސްފަރުވާ ހޯދުމަށްކަމަށެވެ.
އަދި އިންޑިއާ އަށް ވަޑައިގަތީ ރާއްޖެއާ އިންޑިއާ އާއި ދެޤައުމުގެ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކޮންމެ ދިވެހިރައްޔިތަކަށްވެސް އިންޑިއާގެ ކޮންމެ ހިސާބަކަށް ދަތުރުކުރުމުގެ ފުރުޞަތު ފަހިވެފައި އޮންނަ 90 ދުވަހުގެ އޮންއެރަވަލް ވިޒާގައިކަން ނިހާން ފާހަގަކުރެއްވިއެވެ.
ނިހާން ވިދާޅުވީ ޗެއްނާއީ އެއަރޕޯޓްގައި އޭނާ ހަތަރު ގަޑިއެއްހާއިރު މަޑުކުރުވި ކަމަށާއި، ނަމަވެސް މަޑުކުރުވީ ސަބަބު ޗެއްނާއީގެ އިމިގްރޭޝަން އޮފިސަރުން ބުނެދީފައި ނުވާކަމަށެވެ.
ނިހާން ވިދާޅުވީ، ޗެންނާއީ ތެރެއަށް ވަނަ ނުދީ ގިނަ އިރުތަކެއް ވާންފެށުމުން އަމިއްލަފުޅަށް އެދިގެން ސްރީލަންކަން އެއަރލައިންގެ ފްލައިޓެއްގައި އެނބުރި ރާއްޖެ އައީ ކަމަށެވެ. އަދި މިހާތަނަށްވެސް ޗެއްނާއީއަށް އެތެރެވިޔަ ނުދީ ހިފެހެއްޓީ ސަބަބު އެނގިފައިނުވާކަމަށް ނިހާން ވިދާޅުވިއެވެ.

" އަޅުގަނޑު ސުވާލުކުރި އިމިގްރޭޝަން އޮފިސަރަކަށް ނުވަތަ ބޯޑަރ ކޮންޓްރޯލް ބަލަހައްޓަ ބޭފުޅަކަށް އެނގިވަޑައިނުގެތް ކޮން ސަބަބަކާހުރެކަމެއް އަލުގަނޑު ބަހައްޓަން މިޖެހުނީ.
ނިހާން ވިދާޅުވީ، މިގޮތަށް އިންޑިއާއަށް އެތެރެވިޔަ ނުދީ ހިފަހައްޓަނީ ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކަށްތޯ ނުވަތަ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށްތޯ ދިވެހި ސަރުކާރުންވެސް ބަލަން ޖެހޭކަމަށް. ޕީ.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕްމެންބަރެކޭ ބުނިން އަދި ކޯލްކާޑްވެސް އރުވިން. އެހިސާބުން އިތުރުކަމެއް ސާފުކުރުމަށްކަމަށް ބުނެ 4 ގަޑިއިރުވަންދެން އަޅުގަނޑު ބޭންދި. މިކަމާ ގުޅިގެން އަޅުގަނޑުއަތުން އެވެސްކަހަލަ ލިއުމެއްގައި ސޮއިކުރުވާ ނުވަތަ ޕާސްޕޯޓްގެ އެވެސް ހިސާބެއްގައި ތަތްގަނޑެއް ޖަހާ އިންޑިއާ އަށް އެރުން މަނާ މިކަހަލަ އެއްވެސް ވާހަކައެއް ނުބުނޭ." ވިލިމާލެދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވިއެވެ.

ފަހަކަށްއައިސް ބައެއް ޢާންމު ފަރާތްތަކުން އިންޑިއާއަށް ދިއުމުންވެސް އެއަރޕޯޓްގައި ސުވާލުކޮށް މަޑުކުރުވާކަމުގެ މައުލޫމާތުލިބޭކަން ނިހާން ފާހަގަކުރެއްވިއެވެ. އިންޑިއާ ފަދަ ބޮޑު ޤައުމަކުން ރާއްޖެ ފަދަ އަވަށްޓެރި ކުޑަޤައުމަކާމެދު މިފަދަ ކަމެއް ތަންފީޒުކުރަން ނިންމައިފިނަމަ އެކަން ވެގެންދާނީ ވަރަށް ދެކޮޅު ނުޖެހޭ ކަމެއްގެ ގޮތުގައި ނިހާން ސިފަކުރެއްވިއެވެ.

" އަޅުގަނޑު ގަބޫލެއް ނުކުރަން ދެޤައުމުގެ ގުޅުން ހީނަރުވެގެން މިޒާތުގެ ކަންކަން ވާންކެހޭކަމަށް. ގުޅުން ހީނަރުވަންޏާ ހީނަރުވިކަން، އަދި ބޮޑު ޤައުމެއްގެ ހައިސިއްޔަތުން ބުނެދީ އަނގަބަހުން އެވީއްލާލުން ނުވަތަ ލިއުމަކުން ބުނެދިނުމުގެ އިޚްތިޔާރު މާބޮޑަށް އޮންނާނެ ނޯންތޯ އިންޑިއާގައި." ވިލިމާލެދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވިއެވެ.

އަވަށްޓެރި ޤައުމަކަށް ދިވެހިން ކުރާ ދަތުރުތަކުގައި ވިޒާ ދިނުމުގައި ދަތިތަކާއި ކުރިމަތި ކުރުވުމާއި، އެޤައުމަށް އަރަން އުޅުމުން ތަކުލީފުތަކާއި ކުރިމަތިކުރުވަނީ، ރާއްޖޭގެ މިވަގުތު އޮތް ސަރުކާރާމެދު ނުވަތަ ރާއްޖޭގައި އޮތް ސިސްޓަމާމެދު އިންޑިއާއިން ހިތްހަމަ ނުޖެހިގެން ކުރާ ކަމެއްނަމަ އެކަން ހާމަކުރުމުގެ އިޚްތިޔާރާއި ބާރު އިންޑިއާގެ ކިބައިގައި އޮންނަން ޖެހޭނެކަމަށް ނިހާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިޞަރަޙައްދުގައި ބޭސްފަރުވާ ލިބެން އޮތީ ހަމައެކަނި އިންޑިއާއިން ނޫންކަމަށާއި، ރާއްޖެއިންވެސް މިހާރު މަތީ ފެންވަރުގެ ސިއްޙީ ފަރުވާލިބި އެވަޞީލަތްތައް ހަމަޖެހެމުން އަންނަކަމަށެވެ.