ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މިއަހަރު ޚާއްސަ އެވޯޑު ދަމަނަވެއްޓަށް ލިބިއްޖެއެވެ.
ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި މި އެވޯޑް ދަމަނަ ވެއްޓާ ހަވާލުކޮށްދެއްވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ޑައަޅުއްވާފައިވާ މަންދޫބު، ޑރ. އަރްވިންދު މާތޫރުއެވެ. އެވޯޑާއި ދަމަނަވެށީގެ ފަރާތުން ހަވާލުވީ ޑރ. ޢަބްދުލްއަޒީޒް ޙަމީދާއި ޑރ. ޝައިސްތާ ޒުބައިރު އެވެ.
މި ޙަފްލާގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ދުންފަތުގެ ވަބާގެ ސަބަބުން މުޅި ދުނިޔެއަށްވެސް އެތައް ނުރައްކަލަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި ނަމަވެސް އެކަމުން އަރައިގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ގިނަ ކަމަށެވެ.
"ވުމާއެކު އަޅުގަނޑު މި މަސައްކަތުގައި އުޅުއްވާ ފަރާތްތަކުގެ ކިބައިން އެދެނީ، މި މަސައްކަތް ކުރުމުގައި ހެލްތް މިނިސްޓްރީއަށް ތިބޭފުޅުންގެ އެހީތެރިކަމާ އެއްބާރުލުން ބޭނުންވޭ. ކަންކަމުގައި މާޔޫސްނުވެ މިފަދަ ކަންކަމުން އަރައިގަތުމަށްޓަކައި ހުރި ގޮންޖެހުންތައް ދެނެގަނެ އުންމީދީ ނަޒަރަކުން އަބަދުވެސް މިފަދަ ކަންކަމާ ވިސްނަންޖެހޭ. އަދި އެކަމުގެ ސަބަބުން މިކުރާ މަސައްކަތުގެ ލަނޑުދަނޑި ހާސިލްވެވޭނެކަން ދެކެންޖެހޭ. ދުނިޔެ އަބަދުވެސް ދައްކަމުންދަނީ އިންސާނުންގެ ދިރިއުޅުމާއި އިންސާނުންގެ ތެރޭގައި އަށަގަނެފައި ހުރި މިފަދަ އާދަތައް ނައްތާލުމުގައި ދައްކާފައިވަނީ މި ފިލާވަޅު." ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ހަތް ބައިކޮށްފައި އެއްބަޔަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނެވެ. މީގެ މާނައަކީ ދުނިޔޭގައި ގާތްގަނޑަށް އެއް ބިލިޔަނެއްހާ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން އުޅޭކަމެވެ.
މިދިޔަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން ޗައިނާގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. މިއީ ކުޑަ ކުދިންނާއި އަންހެނުނާއެކުއެވެ.