ޚަބަރު

މިފަހަރުވެސް ބޮޑު ޖަމާއަތުގައި ފިޠުރުޢީދު ނަމާދު ކުރާނެ


މިއަހަރުގެ ފިޠުރު ޢީދު ނަމާދުވެސް މާލޭގައި ބޮޑު ޖަމާޢަތުގައި ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. މިގޮތުން މާލޭގެ 4 ސަރަޙައްދެއްގައި ބޮޑުޖަމާއަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފިޠުރުޢީދު ނަމާދު ބޮޑު ޖަމާޢާތުގައި ކުރުމަށް ހަމަޖެހިފައިވަނީ މާލޭ ސްޓޭޑިއަމް ސަރަޙައްދާއި އިސްލާމީ މަރުކަޒާއި ހުޅުމާލެ ސެންޓްރަލް ޕާރކްގެ އިތުރުން ވިލިމާލެ ބޯޅަދަނޑުގައި ކަމަށެވެ. އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ރާއްޖޭގެ ދީނީ ޖަމާޢަތްތަކާއި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނި ތަކާއި ހެޔޮއެދޭ ފަރާތްތައް ބައިވެރިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިގޮތުން މި ހަރަކާތުގައި 15 އަށްވުރެ ގިނަ ތަންތަނުން ބައިވެރިވެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައިވެސް ވަނީ މާލެއާއި އަތޮޅުތަކުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައިވެއެވެ. ދިވެހިންގެ ތެރޭގައި ބޮޑު ޖަމާޢަތުގައި ޢީދުނަމާދުކުރުމަކީ ފަހަކަށް އައިސް ވަރަށް ބޮޑު މަޤުބޫލްކަމެއް ލިބިފައިވާކަމަކެވެ. މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމަޢުގައި ދީނީ އެއްބައިވަންތަކަން އިތުރުވެ އެކުވެރިކަން ބަދަހިވެގެންދެއެވެ.

ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަކީ ކީރިތި ރަސޫލާގެ ސުންނަތެކެވެ. އެކަމުގެ ސަބަބުން މުސްލިމުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދެއެވެ.