ޚަބަރު

ފިޠުރު ޒަކާތް މާދަމާ ބަހަން ފަށަނީ


މިއަހަރުގެ ފިތުރު ޒަކާތް މާދަމާ ބަހަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސައާއި ގޮވާމުގެ ބާވްތައް މާދަމާ ބަހަންފަށާނެ ކަމަށެވެ. މިގޮތުން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބެހުމަށް ހަމަޖެހިފައިވަނީ އެކި ގަޑިތަކަށް ބަހާލައިގެންނެވެ. އެގޮތުން ޒަކާތް ބަހާނީ ހެނދުނު 10:30ން މެންދުރު 12:00 އަށް، މެންދުރު 12:35 ން ހަވީރު 15:30 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ. ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގައި އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިގަޑިތަކުގައި ޢަރަބިއްޔާ ސްކޫލްގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަހަމުންގެންދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފައިސާއާ ޙަވާލުވުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވެފައިވާ ފަރާތުގެ އައިޑީކާޑު ގެނައުމުން އެފަރާތަކަށް ފައިސާ ދޫކުރާނެކަމަށެވެ. އަދި ޒަކާތު ފައިސާއާ ޙަވާލުވާން އަންނައިރު ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާކަމުގެ ސްލިޕްކޮޅާއި ފައިސާއާ ޙަވާލުވާ މީހާގެ އައިޑީކާޑު ގެންނަންޖެހޭކަމަށް އެމިނިސްޓްރީން ބުނެއެވެ.

އަތޮޅުތަކުގައި ޒަކާތުގެ ފައިސާ ދޫކުރުން ހަމަޖައްސާފައިވަނީ ކައުންސިލް އިދާރާތަކުންނެވެ. ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1 ލައްކަ 6 ހާސް ތިންސަތޭކަ ފަންސާސް ހަތް މީހުން ޒަކާތް ދައްކާފައިވާއިރު، ޖުމުލަ 4 މިލިއަން 51 ހާސް ހަތްސަތޭކަ ސާޅީސްއަށް ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.